މާލީ ދާއިރާގެ އެކި އިދާރާތައް ބައިވެރިވާ "މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026" ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ. މި އެކްސްޕޯ ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މހައްމަދު މުއިއްޒުއެވެ. ރައީސް ވަނީ އެކްސްޕޯ ހުޅުއްވައިދެއްވުމަށް ފަހު، އެކްސްޕޯގެ އެކި ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި އެ ތަންތަނުން ދޭ މައުލޫމާތާއި ހިދުމަތްތައް ބައްލަވާލައްވާފައެވެ.
މިއަދުން ފެށިގެން ކުރިއަށް އޮތް ހޮނިހިރު ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކްގައި ކުރިއަށްގެންދާ މި އެކްސްޕޯގައި މާލީ ދާއިރާގެ 30 ފަރާތަކުން ބައިވެރިވެއެވެ. މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ބުނި ގޮތުގައި، ނުވަ އަހަރުގެ މެދުކެނޑުމަކަށް ފަހު މިފަދަ އެކްސްޕޯއެއް ބޭއްވުމުގެ ބޭނުމަކީ ބޭންކުތަކާއި، އިންޝުއަރެންސް ކުންފުނިތަކާއި، ރެގިއުލޭޓަރީ އިދާރާތަކާއި، މަތީ ތައުލީމު ފޯރުކޮށްދޭ ފަރާތްތަކުގެ އިތުރުން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާ އާންމުން ގުޅުވައިދިނުމެވެ. މީގެ އިތުރުން މާލީ ހޭލުންތެރިކަން އިތުރުކުރުމާއި، މި ދާއިރާއަށް އަންނަ އާ އީޖާދުތައް ދައްކާލުން ވެސް މީގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ. މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ އެންމެ ފަހުން ބާއްވާފައިވަނީ 2017 ވަނަ އަހަރުއެވެ.
މި އެކްސްޕޯގެ ހަރަކާތްތައް ކޮންމެ ދުވަހެއްގެ ހަވީރު 3:00 އިން ރޭގަނޑު 10:00 އަށް ކުރިއަށްދާނެއެވެ. އެކްސްޕޯގެ ސްޓޯލްތަކުގެ އިތުރުން މާލީ ދާއިރާގެ ފަންނީ ބޭފުޅުންނާއި ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ ޕެނަލް ޑިސްކަޝަންތައް ވެސް ކުރިއަށްދާނެއެވެ. އެ މަޝްވަރާތަކުގައި ރާއްޖޭގައި މާލީ ބައިވެރިވުން އިތުރުކުރުމާއި، މާލީ ހޭލުންތެރިކަން އިތުރުކުރުމާއި، މާލީ ދާއިރާއަށް އަންނަމުންދާ ބަދަލުތަކާއި ކުރިމަގާ ގުޅޭގޮތުން ވާހަކަދެކެވޭނެއެވެ.
މާލީ ހަރަކާތްތަކުގެ އިތުރުން، މި އެކްސްޕޯގައި ކާބޯތަކެތީގެ ސްޓޯލްތަކާއެކު ފުޑް ފެސްޓިވަލެއް ވެސް ކުރިއަށްދާނެއެވެ. އަދި ކުޑަކުދިންނަށް ހާއްސަ ކުޅިވަރުތައް ހަވީރުގެ ވަގުތުތަކުގައި އޮންނައިރު، މާދަމާ ރޭ އެކްސްޕޯގެ ތެރެއިން ހަވާ އެރުވުމުގެ ހަރަކާތެއް ވެސް ކުރިއަށްދާ ގޮތަށް ވަނީ ރޭވިފައެވެ.
އެކްސްޕޯއަށްދާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ގިނަ އަދަދެއްގެ އަގުބޮޑު އިނާމުތައް ދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން އެންމެ ބޮޑު އިނާމެއްގެ ގޮތުގައި 25,000 ރުފިޔާ ހުށަހެޅިފައިވާއިރު، މިއަދުން ފެށިގެން ހޮނިހިރު ދުވަހާ ހަމައަށް ކޮންމެ ދުވަހަކު 5 އައިޕެޑާއި، 5,000 ރުފިޔާގެ ހަނދާނީ ނޫޓުގެ 7 ނޫޓު ދޫކުރާނެއެވެ.
މީގެ އިތުރުން 2 މެކްބުކް، 2 އެޕަލް އެއާޕޮޑް، އަދި ރާއްޖޭގެ ގެސްޓްހައުސްއެއްގައި ދެ މީހަކަށް 3 ރޭގެ ފުލްބޯޑު ޕެކޭޖެއް ވެސް ގުރުއަތުން ހޮވޭ ފަރާތްތަކަށް ލިބޭނެއެވެ. ހަމައެއާއެކު 5,000 ރުފިޔާގެ 3 ގިފްޓް ކާޑާއި، 1,000 ރުފިޔާގެ 12 ގިފްޓް ކާޑުގެ އިތުރުން 500 ރުފިޔާގެ 36 ގިފްޓް ކާޑު ވެސް އެކްސްޕޯއަށް އަންނަ ފަރާތްތަކަށް ލިބުމުގެ ފުރުސަތު އޮންނާނެއެވެ.



