ރާއްޖޭގެ ފަސް ރަށެއްގައި ބަނދަރު ހެދުމާއި، ބިން ހިއްކުމުގެ އިތުރުން ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
މި އެއްބަސްވުންތަކުގައި ބިނާރާ، ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާބެހޭ ވުޒާރާގެ ފަރާތުން ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޙަމީދު ސޮއިކުރެއްވިއިރު، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދެވެ.
މިއަދު ސޮއިކުރެވުނު މަޝްރޫޢުތަކުގެ ތެރޭގައި ށ. ފުނަދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ ދެވަނަ ފިޔަވަހީގެ ދަށުން ސައްބީސް ހެކްޓަރަށްވުރެ ބޮޑު ބިން ހިއްކުމާއި ޖިއޯ ބޭގް ޖެހުން ހިމެނެއެވެ. އަދި ގދ. މަޑަވެލި ބަނދަރު އަޕްގްރޭޑް ކުރުމުގެ ދަށުން ބަނދަރާއި ނެރު ފުންކޮށް، ތިންސަތޭކަ އަށްޑިހަ ތިން މީޓަރުގެ އައު އެއްގަމު ތޮއްޓެއް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ފ. ދަރަނބޫދޫ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު ތިންސަތޭކަ ފަސްދޮޅަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަވާލުކޮށްފައިވާއިރު، ކ. ގާފަރު ބަނދަރު މަރާމާތުކުރުމާއި، ކ. މާފުށީގައި ފަންސަވީސް ހެކްޓަރުގެ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްވެސް ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ.
މިއަދު ފަސް ރަށެއްގެ މަޝްރޫޢު ހަވާލުކޮށްފައިވާއިރު، އިއްޔެ ވެސް ވަނީ އިތުރު ހަތަރު ރަށެއްގެ (ބ. ކިހާދޫ، ހއ. މުރައިދޫ، ދ. ބަނޑިދޫ އަދި ހއ. ކެލާ) ތަރައްޤީގެ މަޝްރޫޢުތައް އެކުންފުންޏާ ހަވާލުކޮށްފައެވެ.




