މިދިޔަ ޖުލައި މަހާ އަޅާބަލާއިރު އޮގަސްޓު މަހު މަސްވެރިކަން ދަށްވެ، މަސްވެރިންނަށް ދޫކުރި ފައިސާގެ މިންވަރު ގާތްގަނޑަކަށް 40 އިންސައްތަ ދަށްވެފައިވާ ކަމަށް މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޖުލައި މަހު މަސްވެރިންނަށް 49.8 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، ނިމުނު އޮގަސްޓު މަހު ދޫކޮށްފައިވަނީ 29.9 މިލިއަން ރުފިޔާއެވެ. އޮގަސްޓު މަހު 535 ދޯންޏަކުން 1,488.30 ޓަނުގެ މަސް ކިރުވާފައިވާއިރު، އޭގެ ތެރޭގައި އެންމެ ގިނައީ ކަޅުބިލަމަހެވެ.
މި އަހަރުގެ މިހާތަނަށް މިފްކޯއިން އެންމެ ގިނައިން މަސް ކިރުވައި ފައިސާ ދޫކޮށްފައިވަނީ އޭޕްރިލް މަހުގައެވެ.
އެ މަހު 4,414 ޓަނުގެ މަސް ކިރުވައި 78.8 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވެއެވެ. އަދި މިއަހަރުގެ ތެރޭގައި މަސްވެރިކަން އެންމެ ދަށްވި މަހަކީ ޖޫން މަހެވެ.



