މ. ކޮޅުފުށި ރިންގް ރޯޑު ހެދުމުގެ މަޝްރޫޢު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ވަނީ ހަވާލުކޮށްފައެވެ. މި މަޝްރޫޢު ހަވާލުކުރުމުގެ އެއްބަސްވުމުގައި ބިނާރާ، ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާބެހޭ ވުޒާރާގެ ފަރާތުން ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޙަމީދު ސޮއިކުރެއްވިިއިރު، އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާޙިމް ނަޡީމެވެ.
މި މަޝްރޫޢު އާރުޑީސީއާ ހަވާލުކޮށްފައިވަނީ 720 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މަޝްރޫޢުގެ ދަށުން ތާރު އަޅައިގެން 3 ކިލޯމީޓަރުގެ ރިންގް ރޯޑެއް ތަރައްޤީކުރުމާއި، މަގުތަކުގައި ފެންހިންދާ ނިޒާމު ޤާއިމުކުރުމުގެ އިތުރުން މަގު ބައްތި ޖެހުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މ. ކޮޅުފުއްޓަށް ކުރެއްވި ޒިޔާރަތުގައި އެރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށްދެއްވާނެ ކަމަށް ވެވަޑައިގެންނެވި ވައުދުފުޅުގެ ދަށުން، ރަށުގެ އުމްރާނީ އަދި އިޤްތިޞާދީ ތަރައްޤީއާ ގުޅުވައިގެން ކުރިއަށްގެންދެވޭ މުހިންމު މަސައްކަތެކެވެ.



