ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ޚިދުމަތްތައް ބައިނަލްއަގުވާމީ ފެންވަރުގައި އިތުރަށް ފުޅާކޮށް ވަރުގަދަކުރުމުގެ ގޮތުން ޗައިނާގެ ވެރިރަށް ބެއިޖިންގައި އެ އެއާލައިންގެ އައު އޮފީހެއް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
ބެއިޖިންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި އޮފީސް ހުޅުއްވައިދެއްވީ އައިލެންޑް އޭވިއޭޝަންގެ ޗެއާމަން އަޙުމަދު ޝަފީޢު، މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމް އަދި ޗައިނާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަޒީލް ނަޖީބެވެ. ޗައިނާގެ ޖެނެރަލް ސޭލްސް އެޖެންޓެއްގެ ގޮތުގައި މެގަކެޕް އެވިއޭޝަން ހަމަޖައްސާފައިވާއިރު، މޯލްޑިވިއަންއިން މިހާރުވެސް އަންނަނީ އޭ330-200 މަރުކާގެ މަތިންދާބޯޓު ބޭނުންކޮށްގެން ބެއިޖިންއާއި ޝަންހާއީ ހިމެނޭހެން ޗައިނާގެ ތިން ސިޓީއަކަށް ދަތުރުތައް ބާއްވަމުންނެވެ.
މޯލްޑިވިއަންއިން ފާހަގަކުރި ގޮތުގައި، މިއީ ޗައިނާގެ މާކެޓުގައި އެއާލައިންގެ ހަރަކާތްތައް ވަރުގަދަކޮށް، ވިޔަފާރި ޕާޓްނަރުންނާއި ކަސްޓަމަރުންނާ އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ 19 އިންސައްތަ ހިއްސާކުރާ ޗައިނާއިން މިއަހަރުގެ މިހާތަނަށް 327,531 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މި އޮފީހުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ވައިގެ ދަތުރުފަތުރާއި ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިވެ، ފަސިންޖަރުންނަށް ފަސޭހަކަމާއެކު ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.





