ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) -- ފޮޓޯ: ރާއްޖެ ޓައިމްސް

ފޯބްސް އާއި މާކެޓް ރިސާޗް ފާމް "ސްޓެޓިސްޓާ" ގުޅިގެން އެކުލަވައިލި 2026 ވަނަ އަހަރުގެ ދުނިޔޭގެ އެންމެ ކާމިޔާބު އަދި ހިންގުންތެރި ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ޖާގަ ލިބިއްޖެއެވެ.

89 ގައުމަކުން ހޮވުނު 500 ބޭންކުގެ ތެރޭގައި ބީއެމްއެލް ހިމެނިފައިވަނީ ޖުމްލަ އެސެޓް 3 ބިލިއަން އާއި 10 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް ހުރި ބޭންކުތައް ހިމެނޭ ހަވަނަ ޓިއަރގައެވެ. މިއީ ދުނިޔޭގެ ނަން މަޝްހޫރު ބޭންކުތަކާ އެއް ސަފެއްގައި ރާއްޖޭގެ މާލީ އިދާރާއެއް ހިމެނިގެންދިޔަ ތާރީޚީ ކާމިޔާބީއެކެވެ.

"ވޯލްޑްސް ޓޮޕް ޕާފޯމިން ބޭންކްސް 2026" ރޭންކިންގައި ބޭންކުތައް ވަޒަންކޮށްފައިވަނީ ފައިދާލިބޭ މިންވަރާއި، ކުރިއެރުމާއި އާމްދަނީ، ރައުސްމާލުގެ ވަރުގަދަކަން އަދި އެސެޓްގެ ފެންވަރާއި ހިންގުންތެރިކަމަށް ބަލައިގެންނެވެ.

މި ކާމިޔާބީއާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، މިއީ ބީއެމްއެލްއަކީ ވަރުގަދަ، ފުދުންތެރި ރައުސްމާލެއް ހުރި އަދި ހަރުދަނާ ހިންގުމެއްގެ މައްޗަށް ބިނާވެފައިވާ މުއައްސަސާއެއްކަން ހާމަކޮށްދޭ ލިސްޓިންގއެއް ކަމަށެވެ. އަދި ގައުމީ ބޭންކުގެ ހައިސިއްޔަތުން ރާއްޖޭގެ އިގްތިސާދަށްޓަކައި އަދާކުރަންޖެހޭ ޒިންމާ ފުރިހަމައަށް އުފުލުމުގައި ދެމިތިބޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް