ފިންގާ ޖެޓީތަކުގެ ތަނބުތައް ޖެހުމުގެ މަސައްކަތް ކުރިއަށް

މާލެ އުތުރު ފަރާތު ބަނދަރުގައި ފިންގާ ޖެޓީ ތަރައްގީކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް އެމްޓީސީސީއިން ހާމަކޮށްފިއެވެ.

އެމްޓީސީސީއިން ބުނީ މިހާރު މައިގަނޑު ގޮތެއްގައި ކުރިއަށްދަނީ ޖެޓީތަކަށް ބޭނުންވާ ތަނބުތައް ޖެހުމާއި، ރީއިންފޯސްމަންޓް އަދި ޝަޓަރިންގްގެ މަސައްކަތްތަކެވެ. ޖުމްލަ 18.98 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން، 25 މީޓަރުގެ ދިގު ހަ މީޓަރު ފުޅާ ތިން ޖެޓީއާއި، 15 މީޓަރު ދިގު ހަ މީޓަރު ފުޅާ ތިން ޖެޓީ ހެދުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއު ނިމުމާއެކު، މާލޭގެ އުތުރު ފަރާތު ބަނދަރުގައި އާންމުކޮށް ދިމާވާ ތޮއްޖެހުމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ފާހަގަކުރެއެވެ. ޚާއްސަކޮށް، ބަނދަރުގައި އޮންނަ އެއް ލޯންޗު އަނެއް ލޯންޗުގެ މެދުން ހުރަސްކޮށް އަރައި ފޭބުމުގައި ދަތުރުވެރިންނަށް އުފުލަންޖެހޭ ތަކުލީފުތައް ނިމުމަކަށް އައިސް، އިސްރަށްވެހިންނާއި ކުޑަކުދިންގެ އިތުރުން ލަގެޖު ހިފައިގެން ދަތުރުކުރާ ފަރާތްތަކަށް ވަރަށް ބޮޑު ރައްކާތެރިކަމަކާއި ފަސޭހައަކަށް މި ޖެޓީތައް ވެގެންދާނެއެވެ. އަދި އެއްފަހަރާ ގިނަ އުޅަނދުފަހަރަށް ކައިރިކުރުމުގެ ފުރުސަތު ލިބި، ދަތުރުތައް އަވަސްވެގެންދާނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް