އެކްސިޑެންޓްތައް ތަހުގީގުކުރުމަށް "ސްމާޓް ޑްރޯ" ބޭނުންކުރަން ފަށައިފި

ދިވެހި ފުލުހުންގެ ހިދުމަތުން މަގުމަތީގެ އެކްސިޑެންޓްތަކުގެ ތަހުގީގުތައް މިހާރަށްވުރެ ހަރުދަނާކޮށް އަވަސްކުރުމުގެ ގޮތުން، ހާއްސަ ސޮފްޓްވެއާއެއް ކަމަށްވާ "ސްމާޓް ޑްރޯ" ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ.

މި ސޮފްޓްވެއާ ތައާރަފުކޮށްފައިވަނީ ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓްގެ ދަށުން ހިންގާ ޓްރެފިކް އިންވެސްޓިގޭޝަން ފަންކްޝަނުންނެވެ. މި ބަދަލާއެކު، އެކްސިޑެންޓްތަކުގެ ތަހުގީގުތަކުގެ ސައްހަކަމާއި ފަންނީ މިންގަނޑުތައް އެތައް ގުނައަކަށް މަތިވެގެންދާނެ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

"ސްމާޓް ޑްރޯ" އަކީ އެކްސިޑެންޓް ހިނގާ ސަރަޙައްދުތަކުގެ ޑައިގްރާމްތަކާއި ސްކެޗްތައް ފަސޭހަކަމާއެކު އަދި ސީދާ މިނަށް ކުރެހުމަށް ހާއްސަ ކޮށްގެން ފަރުމާކޮށްފައިވާ ޔޫޒަ-ފްރެންޑްލީ ސޮފްޓްވެއާއެކެވެ. މި ސޮފްޓްވެއާގައި އިންޓަސެކްޝަންތަކާއި ޓީ-ޖަންކްޝަންތައް އަދި ސީދާ މަގުތަކުގެ ލޭއައުޓްތައް ކުރީބައިގައި ފަރުމާކޮށް ހިމަނާފައިވެއެވެ.

މީގެ އިތުރުން، އެކި ވައްތަރުގެ އުޅަނދުފަހަރާއި ސައިކަލް، ޓްރެފިކް ނިޝާންތަކާއި މަގުބައްތިތަކުގެ އިތުރުން ތަހުގީގަށް ބޭނުންވާ މުހިންމު ބައިތައް ދައްކުވައިދޭ ތައްޔާރީ ސިމްބަލްތައް ވެސް މި ސޮފްޓްވެއާގައި ހިމެނެއެވެ.

މި ސޮފްޓްވެއާގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، އެކްސިޑެންޓް ހިނގި ސަރަހައްދުގެ އަސްލު މަންޒަރު އެންމެ ފުރިހަމައަށް ދެއްކުމަށްޓަކައި ގޫގުލް މެޕްސް އާއި ސެޓެލައިޓް އިމޭޖްތައް ސޮފްޓްވެއާގެ ތެރެއަށް އަޅައިގެން، ސީދާ އެ ސަރަޙައްދުގެ މައްޗަށް ޑައިގްރާމް ތައްޔާރުކުރުމުގެ ފުރުސަތު ވެސް މި ސޮފްޓްވެއާ އިން ލިބިގެންދެއެވެ.

ފުލުހުން ވިދާޅުވީ، މިއީ މަގުމަތީގެ އެކްސިޑެންޓް ތަހުގީގުކުރުމުގެ މަރުޙަލާތައް ޒަމާނީ ކުރުމަށާއި، ތަހުގީގީ ރިޕޯޓުތަކުގެ ފެންވަރު މަތިކޮށް، ހެކި ރައްކާތެރިކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ރާއްޖޭގައި ފޯރުކޮށްދޭ ޕޮލިސިން ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި، ޒަމާނީ ޓެކްނޮލޮޖީއާއި އާ ވަސީލަތްތައް ތަޢާރަފުކުރުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ހިދުމަތުން މެދުކެނޑުމެއްނެތި ކުރަމުން އަންނަކަން ވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް