ވިލިމާލޭގައި ޓާޝަރީ ހޮސްޕިޓަލެއް ތަރައްގީކުރުމަށްޓަކައި، އެ ހޮސްޕިޓަލުން ދެމުންއަންނަ ޚިދުމަތްތައް ކުރީގެ އަމާން ހިޔާ އިމާރާތަށް ބަދަލުކުރުމުގެ މަސައްކަތް މި މަހުގެ މެދުތެރޭގައި ފަށާނެ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެއްޖެއެވެ.
މި ބަދަލު ގެންނަނީ ޚިދުމަތްތަކަށް ބުރުނާރާނެހެން ބައިބަޔަށް ބަހާލައިގެންނެވެ. އެގޮތުން އެންމެ ފުރަތަމަ ބަދަލުކުރުމަށް ހަމަޖެހިފައިވަނީ އިމަޖެންސީ ޚިދުމަތްތަކާއި އޯޕީޑީ އަދި ވެކްސިން ޖެހުމުގެ ޚިދުމަތެވެ.
ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އިމާރާތްކުރާ މުޅިން އައު ޓާޝަރީ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފަށައި ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ހައުސިން މިނިސްޓަރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. ވަގުތީ ގޮތުން ޚިދުމަތްތައް ބަދަލުކުރާ އިމާރާތުގެ ފިނިޝިން މަސައްކަތްތަކާއި ލިފްޓު ހަރުކުރުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރިއަށެވެ.



