ޔޫކްރެއިނުން ރަޝިޔާގެ އެތެރޭގެ ސަރަހައްދުތަކަށް ދެމުންދާ ދުރުރާސްތާ ޑްރޯން ހަމަލާތައް ވަރުގަދަކުރަމުންދާތީ، ރަޝިޔާގެ ވައިގެ ސަރަހައްދު ބޭނުންކުރުމަކީ ރައްކާތެރިކަމެއް ނޫން ކަމަށް ބުނެ އެއާލައިންތަކަށާއި އިންޝުއަރެންސް ކުންފުނިތަކަށް ޔޫކްރެއިންގެ ރައީސް ވޮލޯޑިމީރް ޒެލެންސްކީ އިލްތިމާސްކުރައްވައިފިއެވެ.
ޒެލެންސްކީ ވިދާޅުވީ ޔޫކްރެއިނުން އާންމު ދަތުރުފަތުރުގެ މަތިންދާބޯޓުތަކަށް އަމާޒުކޮށް ހަމަލާނުދޭނެ ކަމަށެވެ. ނަމަވެސް ރަޝިޔާގެ ވައިގެ ސަރަހައްދުގައި ޑްރޯންތަކުގެ ހަރަކާތްތައް އިތުރުވުމުގެ ސަބަބުން، ނުރައްކާތެރި ހާދިސާއެއް ހިނގުމުގެ ފުރުސަތު ބޮޑުވެ، ރަޝިޔާގެ ވައިގެ ސަރަހައްދު އަމަލީ ގޮތުން ބަންދުވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ކަމާ ގުޅިގެން ރަޝިޔާގެ ރައީސް ވިލާޑިމިއާ ޕޫޓިން ވަނީ ޒެލެންސްކީގެ އިންޒާރު ކުށްވެރިކުރައްވައި، އެއީ "ދައުލަތުން ހިންގާ ޓެރަރިޒަމްގެ" އަމަލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.



