އަލަށް އަމަލުކުރަން ފެށި އެއްގަމު ދަތުރުފަތުރުގެ ގާނޫނާ އެކު މާލޭ ސިޓީ ކައުންސިލަށް ލިބޭ ވެހިކަލް ފީގެ އާމްދަނީއާއި މުވައްޒަފުންގެ މުސާރަ ދިނުމަށް ބޭނުންކުރާ ބްލޮކް ގްރާންޓް ސަރުކާރުން ކަނޑާލާފައިވަނީ ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށް ހުރަސްއެޅުމުގެ ގޮތުން ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
އާ ގާނޫނުގެ ދަށުން މާލޭގެ މަގުމަތި ބެލެހެއްޓުމުގެ ޒިންމާ 2029 ގެ ނިޔަލަށް "ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" އަށް ބަދަލުވުމުން، އަހަރަކު ލިބެމުން އައި 125 މިލިއަން ރުފިޔާގެ ވެހިކަލް ފީއާއި މަގުމަތި މަރާމާތުކުރަން ލިބޭ 13 މިލިއަން ރުފިޔާ ދެން ވަންނާނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުން ހިންގާ ފަންޑަކަށެވެ.
އަންނަ އަހަރަށް މާލޭ ސިޓީ ކައުންސިލުން 671 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައިވަނީ 338 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ޑެފިސިޓަކާއެކުއެވެ.
އާޒިމް ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުން މި މަހުގެ 13 މިލިއަން ރުފިޔާގެ ބްލޮކް ގްރާންޓްވެސް ކަނޑާލާފައިވާތީ ކުރިއަށް އޮތް މަހު މުވައްޒަފުންނަށް މުސާރަ ދިނުމަށާއި، މިސްކިތްތަކާއި ފްލެޓްތައް މަރާމާތުކޮށް ބެލެހެއްޓުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ. ނަމަވެސް، ސަރުކާރުން ގާނޫނުތަކަށް ބަދަލު ގެނެސްގެން ހުރަސްއެޅި ނަމަވެސް، ކައުންސިލުން ފަހަތަށް ނުޖެހި ވީވަރަކުން ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމުގައި ދެމިތިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.



