ދުނިޔޭގެ އެންމެ ހަލުވި އިންސާނާގެ ގޮތުގައި މަޝްހޫރުވެފައިވާ ޖަމެއިކާގެ ދުވުންތެރިޔާ ޔުސެއިން ބޯލްޓް 100 މީޓަރު ދުވުމުން ހަދާފައިވާ ދުނިޔޭގެ ރެކޯޑު، ޗައިނާގެ ކުންފުންޏަކުން އުފެއްދި ރޮބޮޓެއް މުގުރާލައިފިއެވެ. މި ރެކޯޑު މުގުރާލާފައިވަނީ ޗައިނާގެ ބެއިޖިންގްގައި ބޭއްވުނު ދެވަނަ ވޯލްޑް ހިއުމަނޮއިޑް ރޮބޮޓް ގޭމްސްގެ ތައްޔާރީ ދުވުމެއްގައެވެ.
ޗައިނާގެ ސްމާޓްފޯން އުފައްދާ ކުންފުންޏެއް ކަމަށްވާ އޮނާ އިން ތައްޔާރުކޮށްފައިވާ "ލައިޓްނިންގް" ނަމަކަށް ކިޔާ މި ރޮބޮޓް ވަނީ 100 މީޓަރުގެ ދުރުމިން އެންމެ 9.32 ސިކުންތުން ފަހަނައަޅައި ގޮސްފައެވެ. މިއީ 2009 ވަނަ އަހަރު ބާލިންގައި ބޭއްވުނު ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ޔުސެއިން ބޯލްޓް ހަދާފައިވާ 9.58 ސިކުންތުގެ ރެކޯޑަށްވުރެ އަވަސް ވަގުތެކެވެ.
މި ދުވުމުގެ ތެރޭގައި އެ ރޮބޮޓް ވަނީ ސިކުންތަކު 14.5 މީޓަރުގެ ބާރުމިނެއްގައި ދަތުރުކޮށްފައެވެ. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އިންޖިނޭރުން ވަނީ އެ ރޮބޮޓްގެ ފައިގެ ދިގުމިން 10 ސެންޓިމީޓަރު އިތުރުކޮށް، ދުވުމުގެ ބާރުމިން އިތުރުކުރުމަށްޓަކައި ލުއި ސާމާނު ބޭނުންކޮށްގެން އޭގެ ހަށިގަނޑު އަލުން ފަރުމާކޮށްފައެވެ.
މި ރޮބޮޓަކީ މީގެ ކުރިން ނިމިދިޔަ އޭޕްރީލް މަހު ބޭއްވުނު ބެއިޖިންގް ހާފް މެރަތަންގައި ވާދަކޮށް، 21 ކިލޯމީޓަރުގެ ދުރުމިން 50 މިނެޓާއި 26 ސިކުންތުން ނިންމައިގެން އެއްވަނަ ހޯދި ރޮބޮޓެވެ. ޗައިނާގެ ސަރުކާރުން ދަނީ އާޓިފިޝަލް އިންޓެލިޖެންސްއާއި ރޮބޮޓިކްސްގެ ދާއިރާ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.




