އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ޝަހީދުވަމުންދާ މީހުންގެ ހަށިތައް އިމާރާތްތަކުގެ ކުނިބުނިތަކުގެ ދަށުން ޢާއިލާތަކުން ނެރެމުންދާއިރު، އެ މީހުން ވަޅުލާނެ ޖާގަ ޣައްޒާގެ ގަބުރުސްތާނުތަކުން މުޅިން ހުސްވަމުންދާކަން ހާމަވެއްޖެއެވެ. ހަމަލާތަކުގައި ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ދަށުން ގިނަ އަދަދެއްގެ ބައެއްގެ ހަށިތައް ފެންނަމުންދާއިރު، އެ ހަށިތައް އިޙްތިރާމާއެކު ވަޅުލުމަށް ބޭނުންވާނެ ބިން ޣައްޒާގެ އެއްވެސް ސަރަޙައްދަކުން މިހާރު ލިބެން ނެތް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޣައްޒާގައި ހުރި ރަސްމީ ގަބުރުސްތާނުތަކުގެ ބޮޑު ބައެއް ހަމަލާތަކުގައި ސުންނާފަތިވެފައިވާއިރު، ބާކީ ހުރި ތަންތަން ފުރިގެން ބާރުވެފައިވާތީ އާންމުންނަށް ވަނީ ބޮޑެތި ތަކްލީފުތަކާ ކުރިމަތިލާން ޖެހިފައެވެ. ގިނަ ޢާއިލާތަކުން މިހާރު މަޖުބޫރުވެގެން މަރުވާ މީހުން ވަޅުލަމުންދަނީ ގޭގޭގެ ބަގީޗާތަކުގައެވެ. މީގެ އިތުރުން މަދަރުސާތަކުގެ ގޯތިތެރޭގައާއި، ވަގުތީ ގޮތުން ހަދާފައިވާ ރެފިއުޖީ ކޭމްޕުތަކުގެ ކައިރީގައިވެސް މީހުން ވަޅުލަމުންދާކަން ފާހަގަކުރެވެއެވެ.
މި ހިނގާ އޮގަސްޓް މަހުގެ ތެރޭގައިވެސް ވޭތުވެދިޔަ ދުވަސްތަކުގައި ހަލާކުވެފައިވާ އިމާރާތްތަކުގެ ދަށުން ގިނަ އަދަދެއްގެ ބައެއްގެ ހަށިތައް ފެނިފައިވެއެވެ. ނަމަވެސް އެ ހަށިތައް ވަޅުލާނެ ވަކިވަކި ކަށްވަޅުތައް ތައްޔާރުކުރާނެ ޖާގަ ނެތުމުގެ ސަބަބުން، ގިނަ ބަޔަކު އެއްކޮށް ބޮޑެތި ވަޅުތަކުގައި ވަޅުލާން ޖެހިފައިވާ ކަމަށް ޣައްޒާގެ ކަމާބެހޭ އިދާރާތަކުން ފާހަގަކުރެއެވެ. މީގެ އިތުރުން ގަބުރުސްތާނުތަކުން ޖާގަ ހޯދުމަށްޓަކައި ކުރީގެ ބައެއް ކަށްވަޅުތައް ކޮނެ، އެއް ކަށްވަޅެއްގައި އެއް އާއިލާއެއްގެ ގިނަ ބަޔަކު ވަޅުލަމުންދާކަންވެސް ވަނީ ހާމަވެފައެވެ.
ހަމަލާތަކުގެ ސަބަބުން ޣައްޒާގެ އުމްރާނީ ވަސީލަތްތައް މުޅިން ހަލާކުވެފައިވާއިރު، ކަށްވަޅުތައް ހެދުމަށް ބޭނުންވާ ސިމެންތިއާއި ގާ ފަދަ ތަކެތި ލިބުންވެސް ވަނީ ދަތިވެފައެވެ. މިކަމުގެ ސަބަބުން އާންމުންނަށް ޖެހިފައިވަނީ ހަލާކުވެފައިވާ އިމާރާތްތަކުން ނަގާ ގަލާއި ފަސް ބޭނުންކޮށްގެން ވަގުތީ ގޮތުން ކަށްވަޅުތައް ފޮރުވާށެވެ. ޣައްޒާގެ ރައްޔިތުންނަށް ދިރިތިބިއިރު ކުރިމަތިވެފައިވާ ނިކަމެތިކަމުގެ އިތުރުން، މަރުވުމަށްފަހުވެސް އަބުރުވެރި ވަޅުލުމެއްގެ ފުރުޞަތު މިހާރު ވަނީ ގެއްލިފައެވެ.



