މީހެއްގެ ބޭންކް އެކައުންޓުން މަކަރާއި ހީލަތުން 92،000 އަށްވުރެ ގިނަ ރުފިޔާ ނެގި މައްސަލައެއްގައި ދެ ޒުވާނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ދެ ފިރިހެނުންނެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި ސްކޭމް ހިންގާފައިވަނީ ޓެލެގްރާމް ގުރޫޕަކުން ދިމާވި މީހަކު ފޮނުވި ލިންކަކަށް ވަދެ، ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) ކޯޑު ހިއްސާކުރުމުންނެވެ. އެއާއެކު އެކައުންޓުން ގޮތް ނޭނގޭ ޓްރާންސެކްޝަންތަކެއް ހިންގައި، ގިނަ އަދަދެއްގެ ފައިސާ ވަނީ ނަގާފައެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިހިނގާ އޮގަސްޓް މަހުގެ 17 ވަނަ ދުވަހުއެވެ. މައްސަލައިގެ ތަހުގީގުގެ ތެރެއިން ކުރެވުނު މަސައްކަތުން، ފައިސާ ޖަމާކޮށްފައިވާ އެކައުންޓުގެ ވެރިފަރާތާއި އެކަމުގައި ބައިވެރިވި އިތުރު މީހަކު ވަނީ ދެނެގަނެވިފައެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އެ މީހުން ބަންދުގައި ބޭތިއްބުމަށް 15 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.


