ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް

ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މައްސަލައެއްގައި ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުމަކާމެދު އެ ކޯޓުން ނިންމި ނިންމުމެއް އިސްތިއުނާފުކުރުމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހެޅުއްވި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުގެ ރަޖިސްޓްރާ ނިންމަވައިފިއެވެ.

މި މައްސަލައަކީ ދަށު ކޯޓުން ނިންމި ނިންމުމުގައި އެއްކިބާކުރުމަށް އެދިފައިވާ ހެކި ވަޒަންކޮށްފައިވާ ގޮތް ބަޔާންކޮށްފައި ނުވާތީ، ޢަދުލުއިންސާފު އެއްކޮށް ގެއްލިފައިވާ ކަމަށް ބުނެ މިދިޔަ ހަފުތާގެ ބުދަ ދުވަހު ރައީސް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފަށް ހުށަހެޅުއްވި މައްސަލައެކެވެ.

ރަޖިސްޓްރާގެ ނިންމެވުމުގައި ފާހަގަކުރެއްވި މައިގަނޑު ނުކާތައް:

  • ސުޕްރީމް ކޯޓުގެ ނިންމެވުންތައް: ޝަރީޢަތަށް ހެކި ޤަބޫލުކުރުމާ ގުޅޭގޮތުން އިބްތިދާއީ މަރުޙަލާގައި ފަނޑިޔާރު ނިންމަވާ ނިންމެވުންތަކަކީ ޝަރީޢަތުގެ މަރުޙަލާގައިވެސް އިތުރަށް ބަހުސްކޮށް ގޮތް ނިންމޭނެ ކަންކަމެވެ.

  • ޝަރީޢަތް ދިގުލައިގެން ދިއުން: އިބްތިދާއީ ނިންމުންތައް ވަކިން އިސްތިއުނާފު ކުރުމަކީ ދަށު ކޯޓުގެ ޝަރީޢަތް ދިގުލައިގެން ދިއުމަށް މެދުވެރިވާނެ ސަބަބެކެވެ.

  • ޤާނޫނީ ފުރުޞަތު: ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް އިސްތިއުނާފު ކުރެވެނީ، ޝަރީޢަތުގެ ތެރެއިން އިތުރަށް އެކަންކަމާމެދު ވާހަކަދެއްކުމުގެ ފުރުޞަތު ނެތް ކަންކަމުގައެވެ.

ރަޖިސްޓްރާގެ ނިންމެވުމުގައި ކްރިމިނަލް ކޯޓުން ހެއްކެއް އެއްކިބާކޮށްފައި ނުވާކަމާއި، ހެކި އެއްކިބާނުކުރި ސަބަބު ދަށު ކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވާކަން ފާހަގަކުރައްވާފައިވެއެވެ. އަދި ހެކި ޤަބޫލުކުރުމާ ގުޅޭގޮތުން ޝަރީޢަތުގެ މަރުޙަލާގައި އިތުރަށް ވާހަކަދެއްކުމުގެ ފުރުޞަތު އަދިވެސް އޮތުމުން، ސުޕްރީމް ކޯޓުގެ ޤަޟިއްޔާތަކަށް ރިޢާޔަތްކޮށް ހައިކޯޓުން ނިންމެވީ މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް