މާލޭގައި އާންމުންނަށް އުނދަގޫކުރާ މައްސަލައަކާ ގުޅިގެން ކުރިއަށްގެންދިޔަ ބަނޑުހައިހޫނުކަމުގެ ހަޅުތާލަކާ ގުޅިގެން ހައްޔަރުކުރުމަށްފަހު، އެންޑީއޭގެ ފަރުވާގައި ހުއްޓައި ފިލި އަޙްމަދު ފައިރިޝް އަލުން ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް މިއަދު ގެންގޮސްފިއެވެ.
ފުލުހުންގެ ތަރުޖަމާނު އަޙްމަދު ޝިޔާމް މިއަދު ވިދާޅުވީ، ފިލައިގެން އުޅުނު އުމުރުން 43 އަހަރުގެ ފައިރިޝް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މާލޭގެ ސަރަހައްދަކުން ކަމަށެވެ.
ފައިރިޝް ހައްޔަރުކޮށްފައިވަނީ އާންމު އުނދަގޫކުރާ މައްސަލައަށް ހައްލެއް ނުލިބިގެން މުޙައްމަދު ސަޢީދު ހެންވޭރު ޕޮލިސް ސްޓޭޝަންގައި ކުރިއަށްގެންދިޔަ ބަނޑުހައިހޫނުކަމުގެ ހަޅުތާލާ ގުޅިގެން، ބިރުދެއްކުމާއި މުދަލަށް ގެއްލުންދިނުމާއި މާރާމާރީ ހިންގުމުގެ ތުހުމަތުގައެވެ. ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް ދިން 15 ދުވަހުގެ މުއްދަތު މާދަމާއަށް ހަމަވާނެއެވެ.
މި މައްސަލައާ ގުޅޭގޮތުން ކުރީގެ ޕްރޮސެކިއުޓަރު ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވީ، މިއީ މުޅި ޖިނާއީ އަދުލުގެ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު ގެއްލިދާނެ ކަމެއް ކަމަށެވެ. އަދި ފައިރިޝް ކުރާ ކޮންމެ ކުށަކަށް ވަކިވަކިން ކޯޓަށް މައްސަލަ ހުށަހަޅައި، އަދަބުތައް ޖަމާކޮށްގެން މަދުވެގެން 6 އަހަރު ދުވަހަށް އޭނާ ޖަލުގައި ބެހެއްޓޭނެ ޤާނޫނީ މަގު މިހާރުވެސް ތަނަވަސްވެފައިވާކަން ޝަމީމް ފާހަގަކުރެއްވިއެވެ.





