ބާޒާރުގައި ވިއްކާ އަސާސީ ކާބޯތަކެއްޗާއި އެހެނިހެން މުދަލުގެ އަގުތައް އާންމުންނަށް ފަސޭހައިން ބަލައިލެވޭނެ ގޮތަށް ތައްޔާރުކޮށްފައިވާ "އަގުމަގު" ޕޯޓަލްގައި މިހާތަނަށް 224 ވިޔަފާރިއަކުން ރަޖިސްޓަރީކޮށްފިއެވެ. މި ޕްލެޓްފޯމަކީ ބާޒާރުގައި އެންމެ އަގުހެޔޮކޮށް މުދާ ލިބެން ހުންނަ ތަންތަން ރައްޔިތުންނަށް ދެނެގަތުމަށް އެހީތެރިވުމުގެ ގޮތުން އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ތައާރަފުކޮށްފައިވާ ނިޒާމެކެވެ.
އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ހާމަކުރެއްވި ގޮތުގައި، މި ޕޯޓަލްގެ ބޭނުން ހިފާ މީހުންގެ އަދަދު ދުވަހަކަށްވުރެ ދުވަހެއް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ކޮންމެ ދުވަހަކު އެވްރެޖްކޮށް 2،724 މީހުން މި ޚިދުމަތް ހޯދަމުންދާއިރު، މިހާތަނަށް 3،300 އަށްވުރެ ގިނަ މީހުން ވަނީ މި އެޕްލިކޭޝަން ޑައުންލޯޑްކޮށްފައެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ރަސްމީކޮށް ލޯންޗުކުރި މި ޕޯޓަލް ފުރަތަމަ ފަރުމާކޮށްފައިވަނީ ހަމައެކަނި މާލެ ސަރަހައްދުގެ ފިހާރަތަކުގެ އަގުތައް ފެންނާނެ ގޮތަށެވެ. ނަމަވެސް، މިހާރު މި ޚިދުމަތް ވަނީ މޮބައިލް އެޕްލިކޭޝަނަކާއެކު މުޅި ރާއްޖެއަށް ފުޅާކޮށް، އަތޮޅުތެރޭގެ ރަށްރަށުގެ ފިހާރަތަކުން މުދާ ލިބެން ހުންނަ އަގުތައް ވެސް ފެންނާނެ އިންތިޒާމު ހަމަޖައްސާފައެވެ.
އަގުމަގު އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެ ދުވަހަކު ބާޒާރުގައި މުދާ ލިބެން ހުންނަ އެންމެ ދަށް އަގާއި، އެވްރެޖް އަގުގެ އިތުރުން އެންމެ މަތީ އަގުތައް ފަސޭހަކަމާއެކު އަޅައިކިޔާލެވެއެވެ. މީގެ އިތުރުން، ވޭތުވެދިޔަ 10 ދުވަހުގެ ތެރޭގައި އަގުތަކަށް އައިސްފައިވާ ބަދަލުތައް ބަލައިލުމުގެ ފުރުސަތު ވެސް މި ޕްލެޓްފޯމުން އާންމުންނަށް ލިބިގެންދެއެވެ.



