ޤައުމީ އެއާލައިން މޯލްޑިވިއަނުން އަލަށް ގެންނަން ނިންމާފައިވާ ސީޕްލޭންތަކާއެކު ރާއްޖޭގައި ރޭގަނޑު ސީޕްލޭން ދަތުރުތައް ކުރުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމް ވިދާޅުވި ގޮތުގައި، އަލަށް ގެންނަ ބޯޓުތަކަކީ އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީއާއެކު ރޭގަނޑު ދަތުރުތައް ކުރެވޭނެ ވަސީލަތްތައް ގާއިމުވެފައިވާ ބޯޓުތަކެކެވެ.
މިހާރު ރާއްޖޭގައި ބޭނުންކުރާ ސީޕްލޭންތަކުގައި ރޭގަނޑު ދަތުރުކުރުމަށް ބޭނުންވާ ސާމާނު ހަރުކޮށްފައި ނުވުމުގެ ސަބަބުން، އިރުއޮއްސުމަށްފަހު ސީޕްލޭން ދަތުރުތައް ކުރުމަކީ މަނާކަމެކެވެ. ނަމަވެސް މޯލްޑިވިއަނުން އަލަށް ގަންނަން އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކެނެޑާގެ "ޑީއެޗްސީ-6 ޓްވިން އޮޓާ ކްލެސިކް 300-ޖީ" މަރުކާގެ ދެ ބޯޓާއެކު މި ހިދުމަތް ރޭގަނޑުވެސް ދެވޭނެ މަގު ތަނަވަސްވެގެންދާނެއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މި ހިނގާ އޮގަސްޓް މަހުގެ 11 ވަނަ ދުވަހުއެވެ.
މި އާ ބޯޓުތަކަކީ ފެންމަތިން ނަގާ ކަނޑާލުމުގެ އިތުރުން އެއްގަމު ރަންވޭތަކަށްވެސް ޖެއްސޭ ގޮތަށް ފުރޮޅު ހަރުކޮށްގެން "ވީލް ބޭސްޑް" ކޮށްވެސް އޮޕަރޭޓް ކުރެވޭނެ ބޯޓުތަކެކެވެ. މީގެ ސަބަބުން މޯލްޑިވިއަންގެ އޮޕަރޭޝަންތަކަށް ބޮޑު ކުރިއެރުމެއް ލިބި، ރާއްޖޭގެ ދެކުނުގެ އަތޮޅުތައް ވައިގެ މަގުން ގުޅާލުމަށް ކުރާ މަސައްކަތަށް އިތުރު ލުއިފަސޭހަކަމެއް ލިބޭނެ ކަމަށް އެ ކުންފުނިން ފާހަގަކުރެއްވިއެވެ.
މޯލްޑިވިއަނުން މިހާރުވެސް 11 ސީޕްލޭންގެ ފްލީޓެއް އޮޕަރޭޓް ކުރަމުންދާއިރު، ސީޕްލޭންގެ ހިދުމަތަކީ އެ ކުންފުންޏަށް ބޮޑު އާމްދަނީއެއް ލިބޭ މުހިންމު ދާއިރާއެކެވެ. ރާއްޖޭގެ ގިނަ ރިސޯޓުތަކަކަށާއި މީހުން ދިރިއުޅޭ ރަށްތަކަށް ސީޕްލޭންގެ ހިދުމަތް ދެމުންދާއިރު، މި ހިދުމަތް އިތުރަށް ފުޅާކުރުމަށް ގިނަ ހުށަހެޅުންތަކެއް ލިބެމުންދާ ކަމަށްވެސް އެއާލައިނުން ހާމަކުރެއެވެ.




