ގައުމީ އެއާލައިން މޯލްޑިވިއަންއިން ވައިގެ ދަތުރުތަކަށް ޓޫރިސްޓުންގެ އަތުން ނަގަމުންދާ އަގު ކުޑަކުރުމަށް ސަރުކާރުން ވަނީ ނިންމަވައިފައެވެ. ރައީސް އޮފީހުން މައުލޫމާތު ދެއްވި ގޮތުގައި މިގޮތަށް ނިންމެވީ މިދިޔަ އާދީއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމާ ގުޅިގެން މޯލްޑިވިއަނުން ޓޫރިސްޓުންނަށް ޓިކެޓް ވިއްކާ އަގު ބޮޑުކުރީ މިދިޔަ އޭޕްރީލް މަހުއެވެ. އެގޮތުން މާލެ-އައްޑޫ އަދި މާލެ-ފުވައްމުލައް ދަތުރުތަކަށް ޓޫރިސްޓުންގެ އަތުން ނަގާ އަގަށް 33 ޑޮލަރު (510.18 ރުފިޔާ) ވަނީ އިތުރުކޮށްފައެވެ.
އައިލެންޑް އޭވިއޭޝަނުން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި، ޓޫރިސްޓުންގެ ޓިކެޓް އަގު ބޮޑުކުރަން ޖެހުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެޓްފިއުލްގެ އަގު 1.19 ޑޮލަރުން 1.99 ޑޮލަރަށް ބޮޑުވުމާ ގުޅިގެންނެވެ.




