މީރާގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޓެކްސޭޝަންގެ މަގާމަށް ތިން ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުއްވައިފި

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޓެކްސޭޝަންގެ މަގާމަށް ބޭފުޅަކު އައްޔަނުކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޤާނޫނީގޮތުން އެކަމަށް ޝަރުޠު ހަމަވާ ތިން ބޭފުޅެއްގެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ އަމީންއާންމު ވަނީ އެ މަތިވެރި މަގާމަށް އައްޔަނުކުރެއްވުމަށް ރައީސަށް ފެނިވަޑައިގަންނަވާ ތިން ބޭފުޅުންގެ ނަންފުޅު ތަޅުމުގައި އިއްވަވާފައެވެ. އެ ބޭފުޅުންނަކީ ސ. ހުޅުދޫ، ބަގީޗާގެ، އަޙްމަދު ޝަފްނީޒާއި، ވ. މިޔަރެސް، އަޙްމަދު މައުސޫމްގެ އިތުރުން ކ. ދިއްފުށި، ކަނދުގަސްދޮށުގެ، މަރްޔަމް ޖައިދާއެވެ.

މި މަގާމު ހުސްވެފައިވަނީ، ކުރިން އެ މަގާމުގައި ހުންނެވި ފާޠިމަތު އަމީޒާ ކޮމިޝަނާ އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަނުކުރެއްވުމާ ގުޅިގެންނެވެ. ދައުލަތަށް ޓެކްސް ނެގުމުގެ އެންމެ އިސް މުއައްސަސާ ކަމަށްވާ މީރާ ހިންގުމުގައި އިސް ދައުރެއް އަދާކުރާ މި ދެ މަގާމަކީ ޤައުމުގެ އިޤްތިޞާދީ އަދި މާލީ ނިޒާމަށްޓަކައި ނުހަނު މުހިންމު މަގާމުތަކެކެވެ. އަމީޒާ އެ މަގާމަށް އައްޔަނުކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މި ނަންފުޅުތައް ދިރާސާކޮށް ޤާނޫނީ މިންގަނޑުތަކަށް ފެތޭތޯ ބެލުމަށްޓަކައި، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ކަމާބެހޭ މާލީ ކޮމިޓީއަށް ފޮނުވާފައެވެ. ކޮމިޓީން މި ބޭފުޅުންގެ އިންޓަވިއުތައް ބާއްވައި، ޤާނޫނުގައިވާ ގޮތުގެމަތިން މަގާމަށް އެކަށީގެންޭވޭތޯ ބެލުމަށްފަހު ތަޅުމަށް ރިޕޯޓު ހުށަހަޅާނެއެވެ. އަދި އޭގެފަހުގައި މަޖިލީހުގެ ވޯޓަކަށް އަހައިގެން އެ މަގާމަށް ބޭފުޅަކު ރަސްމީކޮށް އައްޔަނުކުރެވިގެންދާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް