ސަރުކާރުގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ އާމްދަނީ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ވަރަށް ބޮޑަށް އިތުރުވެ، ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 62.82 މިލިއަން ރުފިޔާ ލިބިފައިވާކަން އެ ކުންފުނީގެ މާލީ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު ކުންފުނީގެ މާލީ ހާލަތަށް އައި ބޮޑު ކުރިއެރުމެކެވެ.
އެމްޓީސީސީގެ މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ މާލީ ރިޕޯޓް ދައްކާގޮތުން، އެ މުއްދަތުގައި އާމްދަނީގެ ގޮތުގައި ޖުމްލަ 724.45 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ ތިންވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ލިބުނު 501.20 މިލިއަން ރުފިޔާއާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ. މީގެއިތުރުން ހިންގުމުގެ ފައިދާގެ ގޮތުގައި 101.06 މިލިއަން ރުފިޔާ ލިބިފައިވާއިރު، ތިންވަނަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައިވަނީ 29.26 މިލިއަން ރުފިޔާއެވެ.
މާލީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 69.04 މިލިއަން ރުފިޔާ އެ ކުންފުންޏަށް ލިބިފައިވެއެވެ. މިއާއެކު މި ކުއާޓަރުގައި އެމްޓީސީސީގެ ހިއްސާއަކަށް ޖެހުނު މިންވަރު ވަނީ 1.66 ރުފިޔާއިން 7.82 ރުފިޔާއަށް އުފުލިފައެވެ.
އެމްޓީސީސީއަށް މި މުއްދަތުގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ކޮންސްޓްރަކްޝަން އަދި ޑްރެޖިންގް ދާއިރާގެ މަސައްކަތްތަކުންނެވެ. އެގޮތުން އެ ދާއިރާއިން އެކަނިވެސް 589.46 މިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ހޯދާފައެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެ ކުންފުނިން ގިނަ މަޝްރޫއުތަކެއްގެ އަމަލީ މަސައްކަތް ކުރިއަށް ގެންގޮސްފައިވެއެވެ.




