ކީރިތި ރަސޫލާ ދެކެ ލޯބިވުމަކީ މުސްލިމެއްގެ އީމާންކަން ފުރިހަމަވުމަށް އޮތް އެންމެ މުހިންމު އެއް އަސާސްކަން ހުކުރު ޚުޠުބާގައި ބަޔާންކޮށްދީފައެވެ.
އެކަލޭގެފާނު މުޅި އާލަމްތަކަށް ރަޙްމަތެއް ކަމުގައި ފޮނުއްވުމުގެ ކުރިން ދުނިޔެ އޮތީ ޖާހިލިއްޔަޒަމާނުގެ އަނދިރިކަމާއި، އަނިޔާވެރިކަމާއި، އިންސާނީ ކަރާމާތް ގެއްލިފައިވާ ހާލަތެއްގައެވެ.
ނަމަވެސް އިސްލާމްދީނުގެ މަތިވެރި ނޫރުން މުޅި ދުނިޔެ އަލިކޮށްދެއްވައި، އިންސާނިއްޔަތަށް ތެދުމަގު ދެއްކެވީ ކީރިތި ރަސޫލާކަމަށާއި އެކަލޭގެފާނު ދެކެ ލޯބިވުމަކީ ހަމައެކަނި ދުލުން ބުނެލާ ބަހަކުން ފުއްދާލެވޭނެ ކަމެއް ނޫންކަމަށާއި، އެއީ އެކަލޭގެފާނު ދެއްކެވި ރިވެތި އަޚުލާޤީ މިންގަނޑުތަކަށް ތަބާވެ، ސުންނަތުގައި ހިފެހެއްޓުން ކަމުގައި ޚުޠުބާގައި އެންގިއެވެ.
ކީރިތި ރަސޫލާއަށް ލޯބިކުރުމުގެ މުހިންމުކަން ބަޔާންކުރައްވައި ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ:
"ތިޔަބައިމީހުން ކުރެ މީހަކަށް، އެމީހެއްގެ ބައްޕައާއި، ދަރިންނަށްވުރެ އަދި އެންމެހައި މީސްތަކުންނަށްވުރެ ބޮޑަށް ތިމަންކަލޭގެފާނު ލޯބިވެއްޖެއުމަށް ދާންދެން، އެމީހެއްގެ އީމާންކަން ފުރިހަމައެއްނުވެއެވެ."
އަދި އެކަލޭގެފާނަށް ކިޔަމަންތެރިވުމުގެ މަތިވެރިކަން ބަޔާންކުރައްވައި އިތުރު ޙަދީޘެއްގެ މާނައިގައިވެއެވެ:
"ތިމަންކަލޭގެފާނުގެ އުންމަތުގެ އެންމެން ސުވަރުގެ ވަންނާނެއެވެ. އިންކާރުކޮށްފި މީހަކު މެނުވީއެވެ. ދެން ދަންނަވައިފިއެވެ: އޭ اللهގެ ރަސޫލާއެވެ! އިންކާރުކުރީ ކާކުތޯއެވެ؟ ޙަދީޘްކުރެއްވިއެވެ: ތިމަންކަލޭގެފާނަށް ކިޔަމަންވެއްޖެ މީހަކު ސުވަރުގެ ވާދެއެވެ. އަދި ތިމަންކަލޭގެފާނަށް އުރެދިއްޖެ މީހާ ފަހެ، އިންކާރުކޮށްފިއެވެ."
މީގެ އިތުރުން، ކީރިތި ރަސޫލާއަށް ފުރައްސާރަކުރާ މީހުންގެ ނުބައިކަމުން އެކަލޭގެފާނު ރައްކާތެރިކުރެއްވުމަށް މާތް الله ވަޢުދުވެވޮޑިގެންފައިވާކަމާއި، އެކަލޭގެފާނުގެ ދިފާޢުގައި މަސައްކަތްކުރާ މީހުންނަށް ޖިބްރީލްގެފާނުގެ އެހީތެރިކަން ލިބޭނެކަން ހަސާން އިބްނު ޘާބިތުގެ ރިވާޔަތްތަކުން އެނގެއެވެ.
އެހެންކަމުން، މުސްލިމުންގެ އަމަލީ ދިރިއުޅުމުގައި ކީރިތި ޤުރްއާނާއި މާތް ނަބިއްޔާގެ ސުންނަތުގައި ސާބިތުވެ ތިބުމަށާއި، ގިނަގިނައިން ޞަލަވާތް ދެންނެވުމަށާއި، ޤައުމުގެ އަމާންކަމާއި ތިޔާގިކަމަށް އެދި ދުޢާކުރުމަށް ޚުޠުބާގައި ވަނީ ނަޞޭޙަތްތެރިވެފައެވެ.



