ރާއްޖޭގެ އެކި ހިސާބަށް ބޯކޮށް ވާރޭވެހި، ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު) އިން ވަނީ ލަފާކޮށްފައެވެ.
މެޓުން މައުލޫމާތު ދޭ ގޮތުގައި، އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ކުރުމާއެކު ގުގުރުން އެކަށީގެންވާއިރު، މެދުރާއްޖެތެރެއާއި ދެކުނުގެ އެކި ހިސާބަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ. ވައިޖެހޭނީ ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި، ވިލާގަނޑުގައި ގާތްގަނޑަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.
މިއަދު އާދައިގެ ވަރަކަށް ކަނޑުތައް ގަދަވި ނަމަވެސް، ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް މެޓުން ލަފާކުރެއެވެ. އަދި ރާޅުގެ އުސްމިން އުޅޭނީ 3 ފޫޓާއި 5 ފޫޓާ ދެމެދުގައެވެ. މޫސުން ގޯސްވުމާ ގުޅިގެން، ޚާއްސަކޮށް މެދުރާއްޖެތެރެއާއި ދެކުނުގައި ދިރިއުޅޭ މީހުން މޫސުމަށް ސަމާލުކަން ދިނުމަށާއި، މޫސުމީ މައުލޫމާތު ހޯދައި ސަލާމަތީ ފިޔަވަޅުތައް އަޅައިގެން އުޅުމަށް ކަމާ ބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.




