މާލޭގައި ހިންގަމުންދާ ކާބޯތަކެތި ވިއްކާ ތަންތަނުގައި "އިމާރާތް ވަކިކަމަށް ބޭނުންކުރުމުގެ ހުއްދަ" އޮތްތޯ ބެލުމަށް މާލެ ސިޓީ ކައުންސިލުން ޚާއްޞަ އިންސްޕެކްޝަނެއް ފަށައިފިއެވެ.
މި ހަރަކާތް ކުރިއަށް ގެންދަނީ މާލެ ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމަންޓް ޔުނިޓުގެ ފަރާތުންނެވެ. މި އިންސްޕެކްޝަންގެ ދަށުން މާލޭގެ ހޮޓާ، ކެފޭ އަދި ރެސްޓޯރެންޓްތަކުގެ އިތުރުން ޓޭކްއަވޭ ޕޮއިންޓްތައް ވެސް ދަނީ ބަލައި ފާސްކުރަމުންނެވެ. އެގޮތުން މިހާތަނަށް ކާބޯތަކެތި ވިއްކާ 20 އައުޓްލެޓެއް ބަލައި ޗެކްކޮށްފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން މަޢުލޫމާތު ދެއެވެ. މި ހަރަކާތުގެ ތެރެއިން ވިޔަފާރިކުރާ ތަންތަނުގެ ހުއްދަތަކުގެ އިތުރުން، އެ ތަންތަނުގެ ދުންހޮޅިތަކުގެ މައްސަލަތަކާއި ތަނުގެ ޢާންމު ސާފުތާހިރުކަން ހުރި މިންވަރު ވެސް ދަނީ ޗެކްކުރަމުންނެވެ.
މީގެ އިތުރުން، އެ ތަންތަނުން ކުނި މެނޭޖްކުރާ ގޮތްތަކާ ގުޅޭގޮތުން ވިޔަފާރިވެރިންނާ ސުވާލުކޮށް، ސާފުތާހިރުކަމާއި ރައްކާތެރިކަމުގެ ގޮތުން ރަނގަޅުކުރަންޖެހޭ ކަންކަން ފާހަގަކޮށް، އެކަންކަން އިޞްލާޙު ކުރުމަށް ކައުންސިލުން ދަނީ އަންގަމުންނެވެ. އިމާރާތް ވަކިކަމަށް ބޭނުންކުރުމުގެ ހުއްދަ ނުނަގައި މާލެ އަދި ވިލިމާލޭގެ އެއްވެސް އިމާރާތެއްގައި ވިޔަފާރި ކުރުމަކީ ޤަވާޢިދާ ޚިލާފު މަނާ ކަމެކެވެ. އެހެންކަމުން، ކާބޯތަކެތީގެ ޚިދުމަތްދޭ ހުރިހާ ފަރާތްތަކުން ވެސް ޤަވާޢިދާ އެއްގޮތަށް ހުއްދަތައް ފުރިހަމަކުރުމަށް ކައުންސިލުން އިލްތިމާސްކުރެއެވެ.


