މާލޭގެ މާފަންނުގައި ހުންނަ ގެސްޓްހައުސެއްގެ ކޮޓަރިއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވައި މިއަދު ހަވީރު ފެނިއްޖެއެވެ.
ފުލުހުން ހާމަކުރި ގޮތުގައި، މާފަންނު ގެސްޓްހައުސެއްގައި މީހަކު މަރުވެފައި އޮތް ކަމުގެ ރިޕޯޓު އެ އިދާރާއަށް ލިބިފައިވަނީ މިއަދު ހަވީރު 5:51 ހާއިރުއެވެ. އެ ސަރަހައްދުގައި ފުލުހުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.
މި ހާދިސާގައި މަރުވެފައި އޮއްވައި ފެނިފައިވަނީ އުމުރުން 45 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އެއީ ހއ. މޮޅަދޫ، އޯސަނިކްވިލާ، އިބްރާހީމް ނައީމް ކަމަށް މައުލޫމާތު ލިބެއެވެ. އޭނާ މަރުވި ސަބަބާ ގުޅޭގޮތުން ފުލުހުންގެ އިދާރާއިން އަދި އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. އެ އިދާރާއިން ބުނީ އެ މަރާ ގުޅިގެން ބަލަންޖެހޭ ކަންކަން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.


