އާސަންދަ ކޮމްޕެނީ ލިމިޓެޑުގެ ޚިދުމަތްތަކާ ގުޅޭ މަޢުލޫމާތުތައް އާންމުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށްޓަކައި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން މަސައްކަތްކުރާ ޗެޓްބޮޓެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކުންފުނިން އިޢުލާންކޮށްފިއެވެ.
މި ނިޒާމު ތައްޔާރުކުރުމުގެ މައިގަނޑު މަޤްޞަދަކީ ކަސްޓަމަރުންނަށް ބޭނުންވާ މަޢުލޫމާތުތައް އަވަސްކަމާއެކު ފޯރުކޮށްދީ، ޚިދުމަތުގެ ފެންވަރު އިތުރަށް ހަރުދަނާކުރުމެވެ. އާސަންދައިން ހޯދަން ބޭނުންވަނީ ދިވެހި ބަހުންނާއި އިނގިރޭސި ބަހުން މުޢާމަލާތްކުރެވޭ ގޮތަށް ފަރުމާކުރެވިފައިވާ، އޭއައިގެ އެހީގައި މަސައްކަތްކުރާ ޗެޓްބޮޓެކެވެ.
އެ ކުންފުނިން ހާމަކުރި ގޮތުގައި، މި ޗެޓްބޮޓް މެދުވެރިކޮށް އާސަންދައިގެ އެތެރޭގެ މަޢުލޫމާތުތަކާއި، ވެބްސައިޓުގައި ހިމެނޭ މަޢުލޫމާތުތަކުގެ އިތުރުން، އާންމުކޮށް ކުރެވޭ ސުވާލުތަކަށް އޮޓަމެޓިކުން ޖަވާބު ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. މި ޗެޓްބޮޓަކީ 24 ގަޑިއިރު މެދުކެނޑުމެއްނެތި ޚިދުމަތް ދެވޭނެ ނިޒާމެއްގެ ގޮތުގައި ބިނާކުރަން ޖެހޭއިރު، މިއީ ކްލައުޑްގައި ނުވަތަ ކުންފުނީގެ އަމިއްލަ ސާވަރުތަކުގައި ބެހެއްޓޭނެ ނިޒާމެކެވެ.
މި ޓެކްނޮލޮޖީ ބޭނުންކުރަން ފެށުމުން އާސަންދަ ވެބްސައިޓާއި "މައި އާސަންދަ" ޕޯޓަލް މެދުވެރިކޮށް ކަސްޓަމަރުންނަށް ބޭނުންވާ މަޢުލޫމާތުތައް ހޯދުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ލަފާކުރެއެވެ. މި އާ ނިޒާމުގެ ސަބަބުން އާންމުންގެ ފަރާތުން ހުށަހެޅޭ އާދައިގެ ސުވާލުތަކަށް ވަގުތުން ޖަވާބު ލިބި، ކަސްޓަމާ ސާވިސް މުވައްޒަފުންގެ މަސައްކަތްތަކަށް ބޮޑު ލުޔެއް ލިބޭނެއެވެ. މީގެ އިތުރުން، އާންމުން އެންމެ ގިނައިން އޮޅުންފިލުވަން ބޭނުންވާ ކަންކަމާއި، މަޢުލޫމާތު ފޯރުކޮށްދިނުމުގައި ހުރި ހުރަސްތައް ދެނެގަތުމަށް ވެސް މި ޗެޓްބޮޓްގެ އެހީގައި މަގުފަހިވެގެންދާނެއެވެ.


