ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ކަމަށްވާ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މަގާމުން ވަކިކުރުމަށްޓަކައި، އެ އިދާރާގެ ސަރަހައްދީ ބާރުތަކުން އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މަޝްވަރާ ކުރަން ފަށައިފިއެވެ.
މި މަޝްވަރާތަކުގައި އިސްކޮށް އުޅެނީ ޔޫރަޕްގެ ފުޓްބޯޅަ އިދާރާ (ޔޫއެފާ) އާއި، އޭޝިއާގެ ފުޓްބޯޅަ އިދާރާ (އޭއެފްސީ) ގެ އިތުރުން އުތުރު އަދި މެދުތެރޭ އެމެރިކާގެ ފުޓްބޯޅަ އިދާރާ (ކޮންކާކާފް) އެވެ.
މިއީ ފީފާގެ 122 އަހަރުވީ ދިގު ތާރީޚުގައި ވެސް، މަގާމުގައި ހުންނެވި ރައީސެއްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އުޅޭ ފުރަތަމަ ފަހަރެވެ. މި މައްސަލަ ހޫނުވެގެން ދިޔައީ ވޯލްޑް ކަޕްގެ ވިޔަފާރީގެ ހައްގުތަކުން ބައެއް، އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް އިންފަންޓީނޯ ހުށަހެޅުއްވި 4.2 ބިލިއަން ޑޮލަރުގެ ހުށަހެޅުމަކާ ގުޅިގެންނެވެ. އެ ހުށަހެޅުމާ މެދު ސަރަހައްދީ އިދާރާތަކުގެ މެދުގައި ބޮޑެތި ނުރުހުންތަކެއް އުފެދި، އިންފަންޓީނޯއަށް އޮތް އިތުބާރު ގެއްލިފައިވާ ކަމަށް އެ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.
އެއާއެކު، އޭނާގެ ލީޑަޝިޕްގެ ސަބަބުން ފުޓްބޯޅައިގެ އިތުބާރު ގެއްލެމުންދާ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. މި ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާތަކުގައި ބައިވެރިވާ އިސް އޮފިޝަލަކު މީޑިއާއަށް މައުލޫމާތު ދެމުން ފާހަގަކުރެއްވީ، އިންފަންޓީނޯއަށް މިހާރު ސަލާމަތްވެވޭނެ އެއްވެސް މަގެއް ނެތް ކަމަށެވެ. އޭނާއަށް އޮތް ހަމައެކަނި އިޚްތިޔާރަކީ އަންނަ މާރިޗު މަހު ބާއްވާ އިންތިޚާބުގައި ވާދަނުކޮށް އަމިއްލައަށް މަގާމުން ދުރުވުން ނުވަތަ އިތުބާރު ނެތްކަމުގެ ވޯޓަކާ ކުރިމަތިލުން ކަމަށްވެސް އެ އޮފިޝަލް ފާހަގަކުރެއްވިއެވެ. ފީފާގެ ގަވާއިދުތައް ބުނާގޮތުން، ފީފާގެ ކައުންސިލަށް ކޮންމެ ވަގުތެއްގައި ވެސް ކުއްލި ކޮންގްރެސްއެއް ބޭއްވިދާނެއެވެ. އަދި ފީފާގެ މެންބަރު 211 ގައުމުގެ ތެރެއިން ފަސްބައިކުޅަ އެއްބައި ގައުމުން ލިޔުމުން ހުށަހަޅައިފިނަމަ، ތިން މަސްދުވަހުގެ ތެރޭގައި ކުއްލި ކޮންގްރެސްއެއް ބާއްވަން މަޖުބޫރުވާނެއެވެ. މިފަދަ ކޮންގްރެސްއެއްގައި ބައިވެރިވާ ކޮންމެ ގައުމަކަށް ވެސް ވޯޓު ދިނުމުގެ ހައްގު ލިބިގެންވެއެވެ. މި މައްސަލައާ ގުޅިގެން ފީފާއިން ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް ޔޫއެފާއިން ބުނެފައިވަނީ ފީފާގެ ހިންގުމާއި ލީޑަޝިޕް ބަދަލުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށާއި، އެއްވެސް އިޚްތިޔާރެއް ދޫކޮށްނުލާނެ ކަމަށެވެ.


