ސައުދީ އަރަބިއްޔާގެ މައްކާގައި ބާއްވާ ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ކީރިތި ޤުރްއާން ހިތުން ކިޔެވުމުގެ ބައިނަލްއަޤްވާމީ މުބާރާތުން ދިވެހި ދަރިވަރަކު ހަތަރުވަނަ ވަނަ ހާސިލުކޮށް، ރާއްޖެއަށް ބޮޑު ޝަރަފެއް ހޯދައިދީފިއެވެ.
މި ބޮޑު ކާމިޔާބީ ހޯދާފައިވަނީ މުޅި ޤުރުއާން ހިތުން ކިޔެވުމުގެ ގޮފިން ވާދަކުރި މއ. އަސާސް، އަލްޙާފިޒާ ފާޠިމަތު ޝާޔާ ޒާހިރުއެވެ. މިއީ މިފަދަ ބައިނަލްއަޤްވާމީ ބޮޑު މުބާރާތަކުން ދިވެހި ދަރިވަރަކު މިފަދަ މަތީ އަދި ޝަރަފުވެރި ވަނައެއް ހޯދި ފުރަތަމަ ފަހަރެވެ. މި މުބާރާތުން ހަތަރުވަނަ ހޯދި ޝާޔާއަށް އިނާމެއްގެ ގޮތުގައި 170,000 (އެއްލައްކަ ހަތްދިހަ ހާސް) ސައުދީ ރިޔާލް ލިބިފައިވެއެވެ.
މި މުބާރާތުގެ ނަތީޖާ ފާޅުކޮށްފައިވަނީ މާތްވެގެންވާ މައްކާގެ ޙަރަމްފުޅުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މައްކާގައި ބާއްވާ މި ބައިނަލްއަޤްވާމީ ޤުރުއާން މުބާރާތަކީ ވޭތުވެދިޔަ 46 އަހަރު ދުވަހު މެދުކެނޑުމެއްނެތި ބާއްވަމުން އަންނަ ދުނިޔޭގެ އެންމެ ބޮޑު މުބާރާތެވެ. މި އަހަރު ބޭއްވި 46 ވަނަ މުބާރާތުގައި ދުނިޔޭގެ 133 ޤައުމަކުން ދަރިވަރުން ބައިވެރިވެފައިވެއެވެ. މިއީ މި މުބާރާތުގެ ދިގު ތާރީޚުގައި އަންހެން ކުދިންނަށް ބައިވެރިވެވޭ ގޮތަށް ގޮފިތައް ހުޅުވާލައި، އަންހެން ދަރިވަރުން ވާދަކުރި ފުރަތަމަ ފަހަރުވެސް މެއެވެ. މި ޝަރަފުވެރި މުބާރާތުން ރާއްޖެއަށް ރީތި ނަމާއި ބޮޑު ކާމިޔާބީއެއް ހޯދައިދިން އަލްޙާފިޒާ ފާޠިމަތު ޝާޔާ ޒާހިރުއަށް ގިނަ ބަޔަކު އަންނަނީ މަރުޙަބާ ކިޔަމުންނެވެ. މި ކާމިޔާބީއަކީ ދިވެހިރާއްޖޭގެ ދީނީ ތަޢުލީމީ ތާރީޚުގައި ރަން އަކުރުން ފަވާލެވޭނެ ފަދަ މަތިވެރި ކާމިޔާބީއެކެވެ.


