ސިވިލް ކޯޓުގެ ގާޒީ ޢަބްދުﷲ އިޚްސާން ވަޒީފާގެ މަސައްކަތްތަކުން އެކަހެރިކޮށް ސަސްޕެންޑްކުރީ އޭނާއާ ދެކޮޅަށް ހުށަހެޅިފައިވާ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ތަޙުޤީޤު ކުރުމަށް ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ހާމަކޮށްފިއެވެ.
މިކަން އެ ކޮމިޝަނުން ކަށަވަރުކޮށްދީފައިވަނީ ގާޒީ އިޚްސާން ސަސްޕެންޑްކުރިކަން އިޢުލާން ކުރިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައެވެ. ޖޭއެސްސީން މަޢުލޫމާތު ދޭ ގޮތުގައި ގާޒީ އިޚްސާންގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ފުރައްސާރައިގެ މި މައްސަލައިގެ ތަޙުޤީޤަށް ބޭނުންވާ ބަޔާންތައް ނެގުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މިގޮތުން އޭނާގެ އިތުރުން މި މައްސަލައާ ގުޅުންހުރި އެހެން ފަރާތްތަކުގެ ބަޔާންތައްވެސް ކޮމިޝަނުން މިހާރު ވަނީ ހޯދާފައެވެ.
އޭނާ ސަސްޕެންޑްކުރުމަށް ކޮމިޝަނުން ނިންމީ ހުށަހެޅިފައިވާ ތުހުމަތުތަކުގެ ބާވަތަށާއި މިހާތަނަށް ތަޙުޤީޤަށް ލިބިފައިވާ މަޢުލޫމާތުތަކަށް ރިޢާޔަތްކުރުމަށްފަހުގައެވެ. މި ފިޔަވަޅަކީ ތަޙުޤީޤު ކުރިއަށްދާއިރު އެއްވެސް ނުފޫޒެއް ފޯރުވިޔަނުދިނުމަށާއި، ޝަރުޢީ ދާއިރާއަށް އޮތް އިތުބާރު ދެމެހެއްޓުމަށްޓަކައި އެޅި ފިޔަވަޅެއް ކަމަށްވެސް އެ ކޮމިޝަނުން ފާހަގަކުރެއްވިއެވެ. މީގެކުރިން ސިވިލް ކޯޓުގެ މުވައްޒަފުންތަކެއް ވަނީ އެ ކޯޓުގެ ބައެއް ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީއަށް ހުށަހަޅާފައެވެ. އޭގެ ތެރޭގައި ގާޒީ އިޚްސާން ކޯޓުގެ މުވައްޒަފުންނަށް ފުރައްސާރަކުރި ކަމަށް ބުނާ މައްސަލައެއްވެސް ހިމެނެއެވެ. މި މައްސަލައިގެ އިތުރު ތަފްޞީލެއް ޖޭއެސްސީން އަދި ހާމައެއް ނުކުރެއެވެ.


