ދިވެހިރާއްޖޭގައި ކަނޑައަޅާފައިވާ ރަސްމީ ރޭޓަށްވުރެ ބޮޑު އަގުގައި ކަޅުބާޒާރުގައި ބޭރު ފައިސާ ގަނެ ވިއްކުމުގެ މުއާމަލާތްތައް ހިންގާ ފަރާތްތައް 1 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ބިލުގައި ހިމަނައިފިއެވެ.
މި ބިލަކީ ރާއްޖޭގެ ބާޒާރުގައި ބޭރު ފައިސާގެ މުއާމަލާތްތައް ހަރުދަނާ އުސޫލެއްގެ ދަށުން ބެލެހެއްޓުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މުހިންމު ބިލެކެވެ
މި ބިލުގައިވާ ގޮތުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ ރަސްމީ އެކްސްޗޭންޖް ރޭޓާ ޚިލާފަށް ބޭރު ފައިސާ ގަނެ ވިއްކުމަކީ މަނާކަމެކެވެ.
އަދި އެފަދަ ނުރަސްމީ އަގުތަކުގައި ބޭރު ފައިސާގެ މުއާމަލާތްތައް ހިންގާ ފަރާތްތަކާމެދު ގާނޫނީ ގޮތުން ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ވަނީ ހިމަނާފައެވެ.
އެގޮތުން ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފުވާ ފަރާތްތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމުގެ ބާރު ކަމާބެހޭ އިދާރާތަކަށް ލިބިގެންވެއެވެ. ބޭރު ފައިސާއާ ބެހޭ ގާނޫނީ އޮނިގަނޑު ހަރުދަނާ ކުރުމަށް ހުށަހަޅާފައިވާ މި އިސްލާހުތަކުގެ ދަށުން، ރާއްޖޭގައި ހިންގާ ބޭރު ފައިސާގެ ކަޅުބާޒާރު ކޮންޓްރޯލް ކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅިގެންދާނެއެވެ. މީގެ އިތުރުން، ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއަށް ވަންނަ ބޭރު ފައިސާގެ މިންވަރު އިތުރުކޮށް، މާލީ ނިޒާމު ހަރުދަނާ ކުރުމަކީ ވެސް މި ބިލުގެ މުހިންމު މަގުސަދެކެވެ.
މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްވެ ގާނޫނަކަށް ވުމުން، ބޭރު ފައިސާ ގަނެ ވިއްކުމުގެ މުއާމަލާތްތައް ކުރިއަށްދާނީ ހަމައެކަނި ރަސްމީކޮށް ހުއްދަދެވިފައިވާ މާލީ އިދާރާތައް މެދުވެރިކޮށެވެ. އަދި ގާނޫނާ ޚިލާފަށް ހިންގާ ކޮންމެ މުއާމަލާތަކަށް ކަނޑައެޅިފައިވާ އަދަބުތައް ތަންފީޒު ކުރަން ފެށޭނެއެވެ.


