ރައީސް މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ 2025 ވަނަ އަހަރުގެ މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން--

އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސުލޭޓް އޮފީހެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް އެކުލެވިގެންނުވާ ދޮގު ވާހަކަތަކެއް ކަމަށް ޚާރިޖީ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

މިފަދަ ވާހަކަތަކެއް އާންމުންގެ މެދުގައި ދެކެވެން ފަށާފައިވަނީ އައްޑޫގައި އިންޑިއާގެ ޑިޕްލޮމެޓިކް މިޝަނެއް ގާއިމުކުރުމުގެ މަސައްކަތްތަކެއް ކުރިއަށްދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ޚަބަރުތަކެއް ފެތުރެން ފެށުމާ ގުޅިގެންނެވެ.

މި މައްސަލައާ ގުޅިގެން ޚާރިޖީ ވުޒާރާއިން ނެރުއްވި ބަޔާނެއްގައި ފާހަގަކުރެއްވީ އައްޑޫގައި އިންޑިއާގެ ކޮންސުލޭޓެއް ގާއިމުކުރުމާ ގުޅޭގޮތުން އެއްވެސް މަޝްވަރާއެއް ކުރިއަށް ނުދާ ކަމަށެވެ. އަދި އެފަދަ ނިންމުމެއް ސަރުކާރުން ނިންމާފައިނުވާ ކަމަށް ވެސް އެ ވުޒާރާއިން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

އައްޑޫގައި އިންޑިއާގެ ކޮންސުލޭޓެއް ގާއިމުކުރުމުގެ ވާހަކައަކީ މީގެ ކުރިން ވެސް އެކި ފަހަރުމަތިން ސިޔާސީ މައިދާނުގައާއި އާންމުންގެ މެދުގައި ބޮޑެތި ބަހުސްތަކެއް ކުރެވިފައިވާ މައުޟޫއެކެވެ.

ނަމަވެސް، މި ވަގުތު އެފަދަ އެއްވެސް ހުށަހެޅުމެއްގެ މަސައްކަތް ކުރިއަށް ނުދާކަން ސަރުކާރުގެ އިދާރާތަކުން ތަކުރާރުކޮށް ސާފުކޮށްދެއެވެ. ޚާރިޖީ ގުޅުންތަކާ ގުޅޭގޮތުން ހަގީގަތާ ޚިލާފު ވާހަކަތައް ނުފެތުރުމަށާއި، ރަސްމީ އިދާރާތަކުން ހާމަކުރާ މައުލޫމާތުތަކަށް އިސްކަންދިނުމަށް ސަރުކާރުން ވަނީ އިލްތިމާސްކުރައްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް