އިސްލާމީ ކަންތައްތަކަށް އެއްބާރުލުން ހޯދުމާއި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ދިވެހިރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއިން މަޝްވަރާކުރައްވައިފިއެވެ. މި މަޝްވަރާތައް ކުރިއަށްދިޔައީ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްޠާނީއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ބައްދަލުކުރެއްވުމުގައި ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ސަޢުދީ ސަރުކާރުން ރާއްޖެއަށް ބަހައްޓަވާ ގާތްކަމާއި އިސްލާމީ ދާއިރާއިން ދެއްވާ އެހީތެރިކަމަށްޓަކައި، ސަޢުދީގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒާއި ވަލީއަޙްދު މުޙައްމަދު ބިން ސަލްމާންގެ އިތުރުން ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްޠާނީއަށް ޝުކުރު އަދާކުރައްވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެ، ދިވެހި ޙައްޖުވެރިންނަށް ސަޢުދީން އިތުރު ލުއިފަސޭހަތަކެއް ހަމަޖައްސައިދީފައިވާކަން ސަރުކާރުން ފާހަގަކުރައްވައެވެ. ރާއްޖެއާއި ސަޢުދީއާ ދެމެދު ރަސްމީކޮށް ސިޔާސީ ގުޅުން ޤާއިމުކުރީ 17 މާރޗް 1981 ގައެވެ. ސަޢުދީއަކީ މާލީ ގޮތުންނާއި އެހެނިހެން ދާއިރާތަކުންވެސް ރާއްޖެއަށް ބޮޑެތި އެހީތެރިކަމެއް ފޯރުކޮށްދެމުންދާ ޤައުމެކެވެ.



