ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި ކުރިން ހުންނެވި އަމްޖަދު މުސްތަފާ އިސްތިއުފާ ދެއްވުމުން ހުސްވެފައިވާ އެ މަގާމަށް މަޝްހޫރު ގާނޫނީ ވަކީލް އާދަމް ޝަމީމް އައްޔަންކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ނިންމައިފައެވެ.
10 ބޭފުޅަކު ކުރިމަތިލެއްވި މި މަގާމަށް އައްޔަންކުރެއްވި އާދަމް ޝަމީމަކީ 2012 އިން ފެށިގެން ވަކީލުކަން ކުރައްވާ، "އާދަމް ޝަމީމް ލީގަލް" ލޯ ފާމްގެ މަސްއޫލުވެރިޔާއެވެ. އަދި އޭނާއަކީ ސުޕްރީމް ކޯޓުގައި ވަކާލާތުކުރުމުގެ ހުއްދަ ލިބިވަޑައިގެންފައިވާ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ގާނޫނީ ޓީމުގައިވެސް ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ. މީގެއިތުރުން އޭނާ ވަނީ 2024 ގެ މަޖިލިސް އިންތިޚާބުގައި ކުޑަހުވަދޫ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވައިފައެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އެންމެ އިސްވެރިޔާގެ ގޮތުގައި، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކީ ޝަރުޢީ ދާއިރާގެ އިދާރީ ހިންގުމުގެ އެންމެ މަތީ މަސްއޫލިއްޔަތު އުފުއްލަވާ ބޭފުޅާއެވެ. މިއީ 5 އަހަރުގެ މުއްދަތަކަށް އައްޔަންކުރާ މަގާމެކެވެ. މި މަގާމުގެ މުހިންމު ޒިންމާތަކުގެ ތެރޭގައި ކޯޓުތަކުގެ އިދާރީ އޮނިގަނޑު އެކުލަވާލުމާއި، މުވައްޒަފުންގެ ވަޒީފާގެ ކަންކަން ބެލެހެއްޓުމާއި، ރަޖިސްޓްރާރުން އައްޔަންކުރުމާއި، ފަނޑިޔާރުންނާއި މުވައްޒަފުންގެ ތަމްރީނު ޕްރޮގްރާމްތައް ހިންގުން ހިމެނެއެވެ. އަދި ޝަރުޢީ ދާއިރާގެ ބަޖެޓާއި ވަސީލަތްތައް މެނޭޖްކޮށް، ކޯޓުތަކުގެ ޚިދުމަތްތައް އަވަސްކޮށް ހަރުދަނާކުރުންވެސް މީގެ ތެރޭގައި ހިމެނެއެވެ.



