މާލެ ސަރަހައްދުގެ މިސްކިތްތަކަށް ފުރޮޅުލީ ގޮނޑީގައި ނަމާދަށް ވަންނަން އުޅުނު ނުކުޅެދުންތެރިކަން ހުންނަ މީހަކަށް މިސްކިތަށް ނުވެއްދި ހުރަސްއެޅި މައްސަލައެއް، ވީޑިއޯ ހެއްކާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ހުށަހަޅައިފިއެވެ.
މި މައްސަލަ ރައީސަށް ހުށަހަޅާފައިވަނީ ރައީސް އޮފީހުން ކުރިއަށްގެންދާ "ރައްޔިތުންގެ އަޑު" ސިލްސިލާގެ ފުރަތަމަ އެޕިސޯޑުގައި ބައިވެރިވި ފާއިޒު ނަމަކަށް ކިޔާ މީހެކެވެ.
ފާއިޒު ކިޔައިދިން ގޮތުގައި މާލޭގެ އަލިކިލެގެފާނު މަގުގައި ހުންނަ ސޮލާހުއްދީން މިސްކިތަށް އޭނާ ފުރޮޅުލީ ގޮނޑީގައި ވަންނަން އުޅުމުން، މިސްކިތުގެ މަސައްކަތު މީހަކު ވަނީ ވަރަށް އިހާނެތިކޮށް އެތަނަށް ނުވައްދާނެ ކަމަށް ބުނެ ދޮރު ލައްޕާފައެވެ. އަދި ދޮރު ކައިރީ އަރިމަތީގައި ބެހެއްޓިދާނެ ކަމަށާއި ފަހުން ސާފުކޮށްލެވޭނެ ކަމަށް ބުންޏަސް، އެ މިސްކިތަށް އެއްވެސް އިރަކު ވީލްޗެއާ ނުވައްދޭނެ ކަމަށް ބުނެފައިވާ ކަމަށް އޭނާ ބުންޏެވެ. މީގެއިތުރުން ހުޅުމާލޭގެ މިސްކިތަކަށް ދިއުމުންވެސް، މިސްކިތް ހަޑިވާނެ ކަމަށް ބުނެ އެތަނަށްވެސް ނުވެއްދި ކަމަށް އޭނާ ހާމަކުރިއެވެ.

މި ހިތާމަވެރި ހާދިސާއާ ގުޅިގެން މިސްކިތްތަކަށް ދިއުން ހުއްޓާލައި، މިހާރު ގޭގައި ނަމާދުކުރަން ފަށާފައިވާ ކަމަށް ފާއިޒު ބުންޏެވެ. އަދި އޭނާ ވަނީ މިސްކިތަށް ނުވައްދައި ހުރަސްއެޅި މަންޒަރު ފެންނަ ވީޑިއޯ ރައީސަށް ދައްކާލުމާއެކު، ފުރޮޅުލީ ގޮނޑި އެތެރެއަށް ނުވައްދައިގެންވެސް، އެފަދަ ފަރާތްތަކަށް ނަމާދު ކުރެވޭނެ ހާއްސަ ސްލޮޓެއް މިސްކިތްތަކުގައި ގާއިމުކޮށްދެއްވުމަށް އެދިފައެވެ.
މި މައްސަލައާ ގުޅިގެން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، އެއީ މުޖުތަމައުގެ ތެރޭގައި ހުރި ވަރަށް ހިތާމަވެރި އަދި ހައްލުކުރަންޖެހޭ ކަންކަން ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ އެފަދަ ފަރާތްތަކަށް ފަސޭހައިން އަޅުކަން ކުރެވޭނެ ރަނގަޅު ގޮތްތަކެއް ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.




