އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށްދާ ޢަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިއަދު ބައްލަވާލައްވައިފައެވެ.
މި ޒިޔާރަތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢާއި، މަޝްރޫޢުގެ ކޮންޓްރެކްޓަރު އާރްސީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ރަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ. މީގެއިތުރުން، ސްކޫލުގެ ބައެއް ދަރިވަރުންނާއި މަތީ ތަޢުލީމަށް އެދިއެދި ތިބި ދަރިވަރުން ރައީސާ ބައްދަލުކޮށް އެކުދިންގެ ޝުއޫރުތައް ހިއްސާކުރުމުން، ސަރުކާރުން ވެދެވެން ހުރި އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވައިފައެވެ.
ނޮވެމްބަރު 12، 2024 ގައި އާރްސީސީއާ ހަވާލުކޮށްގެން ކުރިއަށްދާ 8 ބުރީގެ މި ސްކޫލް އިމާރާތަކީ ކްލާސްރޫމްތަކުގެ އިތުރުން ކިޔަވައިދިނުމަށް ބޭނުންވާ ޒަމާނީ އިތުރު ވަސީލަތްތަކާއެކު ބިނާކުރާ ތަނެކެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވާ ގޮތުގައި، މި އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް އިމާރާތުގެ މަސައްކަތް ނިންމައި އަންނަ އަހަރުގެ ދިރާސީ އަހަރަށް ސުކޫލު ހުޅުވާނެއެވެ. މާލެއިން އެކަށޭނަ ބޮޑު ބިމެއްގައި ޢަރަބިއްޔާ ސްކޫލަށް ޒަމާނީ އާ އިމާރާތެއް ބިނާކޮށްދިނުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.



