ރިސޯޓުތަކުން ޑޮލަރު މާރުކުރުމުގައި ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުމަށް ދީފައިވާ އިހުތިޔާރު އުވާލައި، ކޮންމެ މަހެއްގެ ޖުމްލަ އާމްދަނީގެ 20 ޕަސެންޓަށްވާ ޑޮލަރު ރާއްޖޭގެ ބޭންކަކަށް މާރުކުރަންޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެޓާނީ ޖެނެރަލް އޮފީހަށް ފޮނުވައިފިއެވެ.
އެމްއެމްއޭއިން ބުނި ގޮތުގައި މި އިސްލާހުތައް ވަރަށް އަވަހަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާނެއެވެ. މި ބަދަލު ގެންނަން ނިންމީ މަތީ ފަންތީގެ ރިސޯޓުތަކާއި އާދައިގެ ރިސޯޓުތަކުގެ މެދުގައި ފަރަގު ބޮޑުވެ، ބޮލަކަށް 500 ޑޮލަރު މާރުކުރުމުން ލިބޭ އާމްދަނީއާ އަޅައިބަލާއިރު މާރުކުރެވޭ ނިސްބަތް ދަށްވާތީ، ހުރިހާ ރިސޯޓަކުންވެސް ހަމަހަމަ މިންވަރެއްގައި ޑޮލަރު މާރުކުރެވޭނެ ގޮތް ހެދުމަށެވެ.
މިއާއެކު، އަހަރަކު ގާތްގަނޑަކަށް އިތުރު 100 މިލިއަން ޑޮލަރު ބޭންކިން ނިޒާމަށް ވަންނާނެ ކަމަށް އެމްއެމްއޭއިން ލަފާކުރެއެވެ.
މި އިސްލާހުގެ ދަށުން "ކެޓަގަރީ ބީ" ގައި ހިމެނޭ ގެސްޓްހައުސްތަކަށް އެއްވެސް ބަދަލެއް ނުގެންނަ އިރު، ކުރިއެކޭވެސް އެއްގޮތަށް ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރު ނުވަތަ އާމްދަނީގެ 20 ޕަސެންޓް މާރުކުރުމުގެ އިހުތިޔާރު އެފަރާތްތަކަށް އޮންނާނެއެވެ.
ނަމަވެސް "ކެޓަގަރީ ސީ" ގައި ހިމެނޭ، ޓޫރިޒަމް ދާއިރާގައި ނުހިމެނޭ އެހެނިހެން ޑޮލަރު އާމްދަނީ ލިބޭ ވިޔަފާރިތަކަށް ވަނީ ބޮޑު ލުޔެއް ދީފައެވެ. އެގޮތުން ޑޮލަރު މާރުކުރަން މަޖުބޫރުވާ އާމްދަނީގެ ތްރެޝްހޯލްޑް 15 މިލިއަން ޑޮލަރުން 25 މިލިއަން ޑޮލަރަށް މަތިކުރުމަށް ވަނީ ނިންމާފައެވެ.
އެމްއެމްއޭއިން ގާނޫނަށް މި ބަދަލުތައް ގެންނަން މަސައްކަތް ކުރަނީ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މަތިވެ، ޑޮލަރެއްގެ އަގު 22 ރުފިޔާއަށްވުރެ މައްޗަށް ގޮސްފައިވާ ދަނޑިވަޅެއްގައެވެ. ރާއްޖެއަކީ މުޅިންހެން އިމްޕޯޓަށް ބަރޯސާވާ ގައުމަކަށްވާތީ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލުމަކީ ތަކެތީގެ އަގު އިތުރަށް ބޮޑުވެގެންދާނެ ކަމެކެވެ.



