ހުރުމުޒު ކަނޑުއޮޅި އަލުން ހުޅުވުމާ ގުޅޭގޮތުން އެމެރިކާއާއި އީރާނާ ދެމެދު މުހިންމު މަޝްވަރާތަކެއް ކުރިއަށްދަނިކޮށް، ވޭތުވެދިޔަ އަހަރުތަކުގައި ހިނގާދިޔަ ހަމަނުޖެހުންތަކާއި ލިބުނު ގެއްލުންތަކުގެ ބަދަލު އީރާނުން ދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލައްވައިފިއެވެ. ޓްރަމްޕް މިކަމަށް ގޮވާލެއްވީ، ހަނގުރާމައިގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު އެމެރިކާއިން ދިނުމަށް އީރާނުން ޝަރުތުތަކެއް ކުރިމަތިކުރުމާ ގުޅިގެން، އޮގަސްޓް 10 ވަނަ ދުވަހުއެވެ.
އެމެރިކާގެ ރައީސް ހާމަކުރެއްވި ގޮތުގައި، އީރާނުން ބޭނުންކުރި ބޮންތަކާއި ހިންގި އެކި ހަމަނުޖެހުންތަކުގައި މަރުވި އަދި ޒަޚަމްވި އެމެރިކާގެ ސިފައިންނާއި އާންމުންގެ އާއިލާތަކަށް އީރާނުން ބަދަލު ދޭންޖެހޭނެއެވެ. މީގެ އިތުރުން، ވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި އީރާނުގެ ސަރުކާރާ ދެކޮޅަށް އަޑުއުފުލުމުގެ ތެރޭގައި މަރުވި އެ ގައުމުގެ މުޒާހަރާގެ ބައިވެރިންގެ އާއިލާތަކަށް ބަދަލު ދިނުމަށާއި، ލުބުނާނާއި، ސީރިއާ، ޔަމަން އަދި ޣައްޒާގައި އީރާނުން ހިންގި ހަރަކާތްތަކުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ޒިންމާވެސް އީރާނުން އުފުލަންޖެހޭނެ ކަމަށް ޓްރަމްޕް ފާހަގަކުރެއްވިއެވެ.
މި ހުށަހެޅުންތައް ކުރިއަށް އޮތް ކޮންމެ މަޝްވަރާއެއްގައިވެސް އެމެރިކާގެ ފަރާތުން ހަރުދަނާކަމާއެކު ހުށަހަޅާނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. މީގެ ސަބަބުން ދެ ގައުމުގެ މެދުގައި ކުރިއަށްދާ މަޝްވަރާތަކަށް އިތުރު ހުރަސްތަކެއް ކުރިމަތިވެ، ހުރުމުޒު ކަނޑުއޮޅި އަވަހަށް ހުޅުވުމަށް ކުރަމުންދާ މަސައްކަތްތައް ލަސްވެގެންދާނެ ކަމަށް މާހިރުން ލަފާކުރެއެވެ.
އީރާނުގެ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން މީގެ ކުރިން ބުނެފައިވަނީ، އެމެރިކާއިން އީރާނަށް ދަތިކުރުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތައް އުވާލައި، ހަނގުރާމައިގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ނުދެނީސް ހުރުމުޒު ކަނޑުއޮޅި އެއްކޮށް ނުހުޅުވާނެ ކަމަށެވެ. ނަމަވެސް، އެމެރިކާގެ ސަރުކާރުން ވަނީ އީރާނުގެ މި ޝަރުތުތަކަށް އިންކާރުކޮށް، ދެ ގައުމުގެ މެދުގައި އޮތް ނުތަނަވަސްކަން އިތުރަށް ބޮޑުކޮށްފައެވެ.




