ސައޫދީ އަރަބިއްޔާގެ ދެކުނުގެ ރަށެއް ކަމަށްވާ ޖީޒާންގައި ހުންނަ ދުނިޔޭގެ އެންމެ ބޮޑު ތެޔޮ ކުންފުނި، ސުއޫދީ އަރާމްކޯގެ ވަސީލަތްތަކަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައިވާނެ ކަމަށް ޔަމަނުގެ ހޫތީ ޖަމާއަތުން ބުނެފިއެވެ.
މި ހަމަލާއަކީ ސައޫދީ އިސްވެއޮންނަ އިއްތިހާދުން ޔަމަނަށް ދެމުންދާ އަސްކަރީ ހަމަލާތަކާއި އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށް އެ ޖަމާއަތުން ވަނީ ހާމަކޮށްފައެވެ.
ހޫތީ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސާރިއު ވިދާޅުވި ގޮތުގައި، މި އޮޕަރޭޝަންގައި ބޭނުންކޮށްފައިވަނީ ގިނަ އަދަދެއްގެ ޑްރޯންގެ އިތުރުން ބެލިސްޓިކް މިސައިލެވެ. އަދި ޖީޒާންގައިވާ އަރާމްކޯގެ ތެޔޮ ސާފުކުރާ ކާރުޚާނާއަށާއި ތެޔޮ ރައްކާކުރާ ތަންތަނަށް ދިން މި ހަމަލާތައް ސީދާ އަމާޒަށް ވާސިލުވެ، ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށްވެސް އޭނާ ވަނީ ދައުވާކުރައްވާފައެވެ. ސާރިއު އިތުރަށް އިންޒާރު ދެއްވީ، ސުއޫދީން ޔަމަނާ ދެކޮޅަށް ހިންގާ އަސްކަރީ ހަރަކާތްތައް ނުހުއްޓުވަނީސް، ސުއޫދީގެ އިގްތިސާދީ އަދި އަސްކަރީ މުހިންމު ސަރަހައްދުތަކަށް ދޭ ހަމަލާތައް ކުރިއަށްއޮތް ތަނުގައިވެސް ވަރުގަދަކުރާނެ ކަމަށެވެ.
ސައުދީ އިން ބުނީ މިހަމާލާގައި ތެޔޮ ކާރުހާނާގައި ރޯވި އަލިފާން މިހާރު ކޮންޓްރޯލު ކުރެވިފައިވާކަމަށެވެ. ނަމަވެސް، ދުނިޔޭގެ ތެލުގެ ބާޒާރަށް މުހިންމު ސުއޫދީ އަރާމްކޯގެ ވަސީލަތްތަކަށް އަމާޒުކޮށް ދޭ މިފަދަ ހަމަލާތަކުގެ ސަބަބުން ބައިނަލްއަގުވާމީ ހަކަތައިގެ ބާޒާރަށް ނުތަނަވަސްކަން ކުރިމަތިވެ، މެދުއިރުމަތީގެ ސުލްހައަށް އިތުރު ގޮންޖެހުންތަކެއް ދަނީ ކުރިމަތިވަމުންނެވެ.




