ހުމޭމިމް އެއާޕޯޓް

ސީރިއާގައި ހުރި ރަޝިއާގެ މުހިންމު ދެ އަސްކަރީ ބޭސް ކަމަށްވާ ހުމޭމިމް އެއާބޭސް އާއި ތަރްތޫސް ކަނޑުގެ އަސްކަރީ ބޭސް ބޭނުންކުރުމާ މެދު، ސީރިއާގެ ސަރުކާރާއި ރަޝިއާއާ ދެމެދު އެއްބަސްވުމަކަށް އާދެވިއްޖެއެވެ. 18 މަސްދުވަހުގެ މަޝްވަރާތަކަށްފަހު ވެވުނު މި ފަހުމުނާމާގެ ދަށުން، އެ ދެ ބޭސް ބޭނުންކުރާ ގޮތަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވަނީ ނިންމާފައެވެ.

ސީރިއާގެ ރަސްމީ ނިއުސް އޭޖެންސީ (ސާނާ) އިން، އެ ގައުމުގެ ހާރިޖިއްޔާއާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އެއްބަސްވުމުގެ ދަށުން ހުމޭމިމް އެއާޕޯޓާއި ތަރްތޫސް ބަނދަރުގެ ސިވިލިއަން (އާންމު) ވަސީލަތްތަކުގެ ހިންގުން ސީރިއާގެ ސަރުކާރުގެ ދަށަށް ބަދަލުކުރެވޭނެއެވެ. އަދި އެ ތަންތަނުގައިވާ އަސްކަރީ ވަސީލަތްތައް ބޭނުންކުރާނީ ދެގައުމު ގުޅިގެން ތަމްރީނުދީ ގާބިލުކަން އިތުރުކުރާ ސެންޓަރުތަކެއްގެ ގޮތުގައެވެ.

މި ބަދަލުތައް މުޅިން ފުރިހަމަކުރުމަށް ތިން މަސްދުވަހުގެ މުއްދަތެއް ކަނޑައަޅާފައިވާއިރު، މި އެއްބަސްވުމަކީ ދެގައުމުގެ މަސްލަހަތު ހިމާޔަތްކުރެވޭ ގޮތަށް އެކުލަވާލެވުނު އިންތިޒާމެއް ކަމަށް ސީރިއާގެ ހާރިޖިއްޔާއިން ބުނެއެވެ.

2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު ވެރިކަމުން ވައްޓާލުމާ ހަމައަށް، ހުމޭމިމް އާއި ތަރްތޫސް ބޭސްއަކީ މެޑިޓަރޭނިއަން ސަރަހައްދުގައި ރަޝިއާގެ އަސްކަރީ ނުފޫޒު ދެމެހެއްޓުމަށް ބޭނުންކުރި އެންމެ މުހިންމު ދެ މަރުކަޒެވެ. ސީރިއާގެ އާ ވެރިކަމާއެކު ރަޝިއާއިން ވަނީ ގުޅުން ބަދަހިކޮށް، މި ބޭސްތަކުގެ މުސްތަގުބަލާ މެދު ދީވާހަކަތައް ދައްކައި މި އާ އެއްބަސްވުމާ ހަމައަށް އައިސްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް