މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ހުޅުވާލައްވައިފައެވެ.
މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 23 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 އެވެ. މަގާމަށް އެދޭ ފޯމު ރަސްމީ ބަންދުނޫން ދުވަސްތަކުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން ބަލައިގަންނަގޮތަށް ހަމަޖެހިފައިވާއިރު، އެ އޮފީހުގެ ވެބްސައިޓުންވެސް ފޯމު ޑައުންލޯޑް ކުރެވޭނެއެވެ.
މީރާގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލްގެ މަޤާމް ހުސްވީ، ކުރިން އެ މަޤާމުގައި ހުންނެވި ފާތިމަތު އަމީޒާ، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް އައްޔަން ކުރެއްވުމާ ގުޅިގެންނެވެ. އަމީޒާ އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ.




