ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ތިން ބޭފުޅަކު އައްޔަންކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ނިންމައިފައެވެ. އެ ކޯޓަށް ތިން ގާޒީން ހޯދުމަށްޓަކައި ޖޭއެސްސީން އިއުލާނުކޮށްފައިވަނީ ނިމިދިޔަ ޖުލައި މަހުގެ 6 ވަނަ ދުވަހުއެވެ.
ޖޭއެސްސީން ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް އައްޔަންކުރަން ނިންމާފައިވާ ތިން ބޭފުޅުންނަކީ ތ. ވޭމަންޑޫ، ޑްރީމް، މުހައްމަދު އަބްދުﷲ އާއި، ޅ. ކުރެންދޫ، ނޫރާނީގެ، ސުލައިމާން މުހައްމަދު އަދި ހއ. ދިއްދޫ، ޑޭޒީމާގެ، އަހުމަދު ތައުފީގްއެވެ.
ކްރިމިނަލް ކޯޓުގެ ފަނޑިޔާރެއްގެ އަސާސީ މުސާރައަކީ މަހަކު 37,700 ރުފިޔާއެވެ. މުސާރައިގެ އިތުރުން ލިވިން އެލަވަންސަށް މަހަކު 18,000 ރުފިޔާ އަދި ރިސްކް އެލަވަންސަށް މަހަކު 3,300 ރުފިޔާ ފަނޑިޔާރުންނަށް ލިބިވަޑައިގަންނަވާނެއެވެ. މީގެ އިތުރުން ފޯނު އެލަވަންސްގެ ގޮތުގައި މަހަކު 1,000 ރުފިޔާގެ އިތުރުން، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން ހެލްތު އިންޝުއަރެންސްވެސް ފަނޑިޔާރުންނަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.




