އަހުލާގު ރަނގަޅު ޖީލެއް ބިނާކޮށް، ދަރިން ތަރުބިއްޔަތުކުރުމުގައި ނަމޫނާ އަދި ޒިންމާދާރު ބެލެނިވެރިންތަކެއް އުފެއްދުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ދ. އަތޮޅު މަދަރުސާގެ ބެލެނިވެރިންނަށް އަމާޒުކޮށްގެން ބެލެނިވެރިކަމުގެ ހުނަރުތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް އިއްޔެ ކުރިއަށް ގެންގޮސްފިއެވެ.
މި މަހުގެ 6 ވަނަ ދުވަހު ބޭއްވި މި ސެޝަނަކީ އެ މަދަރުސާ އާއި މީދޫގައި މަސައްކަތްކުރާ ފުލުހުންނާއި، ޕަބްލިކް ޓްރަސްޓް އެންޑް ކޮންފިޑެންސް މެނޭޖްމަންޓުގެ އިތުރުން އެ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިޔުޑީސީ) ގުޅިގެން ހިންގި ބޭނުންތެރި ހަރަކާތެކެވެ.
މި ސެޝަންގައި ދަރިން ތަރުބިއްޔަތުކުރުމުގައި ވިސްނަންޖެހޭ މުހިންމު ކަންތައްތަކާއި ބެލެނިވެރިކަމުގެ ތަފާތު ވައްތަރުތަކުގެ މައުލޫމާތު ހިއްސާކޮށްފައިވާއިރު، ކުދިންނަށް ލޯތްބާއި އޯގާތެރިކަން ދިނުމާއި، އެކުދިންނާއެކު ވަގުތު ހޭދަކޮށް މަޝްވަރާކުރުމުގެ މުހިންމުކަން ވަނީ ބުނެދީފައެވެ.
މީގެ އިތުރުން، ތުއްތުއިރު ދެވޭ ތަރުބިއްޔަތުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައި، ކުދިންގެ ހަރަކާތްތައް ގާތުން މޮނިޓަރކުރުމަށާއި، އުމުރާ ގުޅޭގޮތަށް ރަނގަޅު ކަންކަން ދަސްކޮށްދީ، ދީނީ ކަންކަމަށް ދަރިން އަހުލުވެރިކުރުވުމަށް މި ސެޝަންގައި ވަނީ ބާރުއަޅާފައެވެ.
ހަމައެހެންމެ، ދަރިންގެ މެދުގައި ހަމަހަމަކަން ގާއިމުކުރުމާއި، ކުދިން ކުރާ ރަނގަޅު މަސައްކަތްތަކުގެ އަގުވަޒަންކޮށް ހިތްވަރުދިނުމުގެ ސިފަ ބެލެނިވެރިންގެ ކިބައިގައި ހުންނަންޖެހޭނެކަން ފާހަގަކުރިއެވެ. ބެލެނިވެރިންނަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަންނާނެ އުކުޅުތަކުގެ އިތުރުން، ދަރިން ބެލެހެއްޓުމުގައި ގާނޫނީ ގޮތުން ވިސްނަންޖެހޭ މުހިންމު ކަންތައްތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ފުޅާދާއިރާއެއްގައި މައުލޫމާތު ހިއްސާކޮށް، ނަސޭހަތްތެރިވެފައިވެއެވެ.




