ހދ. ވައިކަރަދޫ ރަށު ކައުންސިލު މެދުވެރިވެ، އެ ރަށުން ގިނަ އަދަދެއްގެ ގަސްގަހާގެހި އުފުރައިގެން ރަށުން ބޭރުކުރަމުންދާ ކަމަށް ބުނެ އެ ރަށު މެޖިސްޓްރޭޓް ކޯޓަށް އަމިއްލަ ފަރާތަކުން މައްސަލައެއް ހުށަހަޅައިފިއެވެ.
މި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ އެ ރަށުގެ އާންމު ރައްޔިތެއް ކަމަށްވާ އަލީ ރިފްހާނުގެ ފަރާތުންނެވެ. ކޯޓުން މި މައްސަލަ ބަލައިގަނެ، މައްސަލަ ރައްދުވާ ވައިކަރަދޫ ކައުންސިލަށް އެކަން އަންގައި، ދައުވާއާ ގުޅޭ ލިޔެކިއުންތައް ވަނީ ހިއްސާކޮށްފައެވެ.
ކޯޓަށް ހުށަހެޅި ދައުވާގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ގާނޫނުތަކުގެ ދަށުން ރަށުގެ ތިމާވެއްޓާއި ގަސްކަރަ ރައްކާތެރިކޮށް ދެމެހެއްޓުމަކީ ލޯކަލް ކައުންސިލްތަކުގެ ގާނޫނީ މައްސޫލިއްޔަތަކަށް ވީނަމަވެސް، ވައިކަރަދޫ ކައުންސިލުން އެ ޒިންމާ އަދާނުކޮށް، އެއްވެސް އުސޫލެއް ނެތި ގަސްތަކާއި ރަށުގެ ދުވަސްވީ ކަޅުފަސް ބޭރުކުރުމަށް އެއްބާރުލުން ދެމުންދާ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނާއި ގަވާއިދުތަކުގެ ދަށުން ގިނަދުވަސްވެފައިވާ ގަސްތަކަށް ގާނޫނީ ހިމާޔަތް ލިބިދީފައިވާއިރު، އެފަދަ ގަސްތަކުގެ ދަފްތަރެއް ތައްޔާރުކޮށް އަދާހަމަކުރުމުގެ މައްސޫލިއްޔަތުން ކައުންސިލް އިހުމާލުވެފައިވާ ކަމަށްވެސް ދައުވާގައި ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން، ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ތިމާވެށި ހިމާޔަތްކުރުމުގެ ހައްގާއި، ދިރިއުޅުމަށް ސާފު، ސިއްހަތަށް ރަނގަޅު ވެއްޓެއް ލިބުމުގެ ހައްގު ކަށަވަރުކޮށްދިނުމުގައި ކައުންސިލް ނުކުޅެދިފައިވާ ކަމަށް ދައުވާކުރާ ފަރާތުން ބުނެއެވެ. ގަސްގަހާގެއްސަކީ ރައްޔިތުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ކޮންމެހެން މުހިންމު ގުދުރަތީ ވަސީލަތެއްކަން ފާހަގަކޮށް، ރަށުގެ މުއްސަނދި ކަޅުފަސް ބޭރުކުރުމަކީ ކާބޯތަކެތީގެ ވިލުންތެރިކަމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ. އަދި އިރުވައި މޫސުމުގައި ރާއްޖެއަށް ކުރިމަތިވާ ވިހަކުނޑިވައިގެ ނޭދެވޭ އަސަރުން ސަލާމަތްވުމަށާއި، ދުނިޔެ ހޫނުވަމުންދާ ދަނޑިވަޅެއްގައި ރަށުގެ ފިނިހޫނުމިން ހިފެހެއްޓުމަށް ގަސްތަކުގެ ދައުރު ބޮޑުކަންވެސް ދައުވާގައި ފާހަގަކޮށްފައިވެއެވެ.
މި މައްސަލައިގައި އަލީ ރިފްހާން ކޯޓުގައި އެދިފައިވަނީ، ވައިކަރަދޫގެ ގަސްކަރައަށާއި ފަސްގަނޑަށް ދެމުންދާ ގެއްލުންތައް ވަގުތުން ހުއްޓުވައި، ކައުންސިލުގެ އަމަލުތައް ގާނޫނީ އިމުގެ ތެރެއަށް ވެއްދުމަށެވެ. އަދި ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށްޓަކައި ދެމެހެއްޓެނިވި ގާނޫނީ ފަރުވާއެއް ކޯޓު މެދުވެރިކޮށް ހޯދައިދިނުމަށްވެސް އޭނާ ވަނީ އެދިފައެވެ.




