މުޅި ރާއްޖެއަށް ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތުގެ ދަށުން، ގދ. ގައްދޫގައި ރަސްމީކޮށް ޕާސްޕޯޓުގެ ޚިދުމަތް ދޭން ފަށައިފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މައުލޫމާތު ދޭ ގޮތުގައި، ގައްދޫގައި މި ޚިދުމަތް ފެށުމާއެކު ގދ. އަތޮޅުގެ ދެ ރަށަކުން މިހާރު އެ އަތޮޅުގެ ރައްޔިތުންނަށް ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. އެގޮތުން، "އިމުގާ" ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ޕާސްޕޯޓަށް ހުށަހަޅާއިރު، ޕާސްޕޯޓު ނަގާ ތަން ނުވަތަ "ކަލެކްޝަން ޕޮއިންޓް" ގެ ގޮތުގައި ތިނަދޫ ސިޓީގެ އިތުރުން ގައްދޫވެސް މިހާރު ޚިޔާރުކުރެވޭނެއެވެ.
ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، މަރުކަޒީކޮށް މާލޭގައި ދެމުންދިޔަ މުހިންމު ޚިދުމަތްތައް އަތޮޅުތަކަށް ފުޅާކުރުމަށް ސަރުކާރުން އަންނަނީ ޚާއްޞަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންނެވެ.
އެގޮތުން، އިމިގްރޭޝަންގެ ދަށުން ދޭ ޕާސްޕޯޓާއި އައިޑީކާޑުގެ ޚިދުމަތް ކޮންމެ އަތޮޅެއްގެ މަދުވެގެން އެއް ރަށުން ލިބޭނެ ގޮތް ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ. މީގެ ކުރިން ޕާސްޕޯޓާއި އައިޑީކާޑު ހެއްދުމަށް އަތޮޅުތަކުގެ ރައްޔިތުން ބޮޑު ހޭދައެއްކޮށް މާލެއަށް ދަތުރުކުރަން ޖެހުނު ނަމަވެސް، ރަށްރަށުން މި ޚިދުމަތްތައް ލިބެން ފެށުމާއެކު ރައްޔިތުން އުފުލަމުންދިޔަ މާލީ ބޮޑު ބުރައަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.



