ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ކުޅުދުއްފުށީ ޕޮލިސް ގުޅިގެން ހާއްސަ ދެ އޮޕަރޭޝަނެއް ހިންގައި، މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.
އޭގެ ތެރެއިން 2026 އޮގަސްޓު 6 ވަނަ ދުވަހު ކުޅުދުއްފުށީ އާރުޓީއެލް ފެރީ ޓާމިނަލުން ހުއްޓުވައި ބަލައިފާސްކުރުމަށްފަހު ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލައް، ދޫޑިގަން. ކަރަންފޫ، މުޙައްމަދު އުމީން (19 އަހަރު) އާއި، ހދ. ކުމުންދޫ، ފަހިވާ، ޢާއިޝަތު ޢަލީ (30 އަހަރު) އެވެ. މި ދެ މީހުންނަކީ މަސްތުވާތަކެތި ގެންގުޅެ، އޭގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހައްޔަރުކުރި ދެ މީހުންނެވެ.
އެ ދެ މީހުން ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 27 ސެލޯފިންކޮޅު ފެނިފައިވާކަމަށާއި، އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 7.59 ގުރާމް ހުރި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މިއާއެކު، އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުޙައްމަދު އުމީން 15 ދުވަހަށް އަދި ޢާއިޝަތު ޢަލީ 7 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މީގެ އިތުރުން، އޮގަސްޓު 5 ވަނަ ދުވަހު ކުޅުދުއްފުށީ ބަނދަރު ސަރަހައްދުން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށި، އުރަހަ، ޙުސައިން ނަޢީމް (44 އަހަރު) އާއި، ހދ. ކުޅުދުއްފުށި، ބަންޑާރަހިޔާ 002ޕީ، ޢަބްދުއްރަޙްމާން މުޙައްމަދު (45 އަހަރު) އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތި ގެންގުޅެ، ވިއްކައި ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައެވެ.
އެ ދެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 30 ސެލޯފިންކޮޅު ފެނިފައިވެއެވެ. ފެނުނު ތަކެތީގެ ވަގުތީ ބަރުދަނަކީ 9.71 ގުރާމެވެ. މި މައްސަލައިގައި ހައްޔަރުކުރެވުނު ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ދެ މީހުންވެސް 5 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި ދެ މައްސަލަވެސް ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.




