އިގްތިސާދުގައި ދައުރުވާ ދިވެހި ރުފިޔާގެ އިތުރު ފައިސާ ނުވަތަ ސާޕްލަސް ލިކުއިޑިޓީ މަދުކުރުމަށްޓަކައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މަނިޓަރީ ޕޮލިސީ އިތުރަށް ހަރުދަނާކޮށް، ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފިއެވެ.
އެމްއެމްއޭއިން ހާމަކޮށްފައިވާ ގޮތުގައި، ބާޒާރުގައި ދައުރުވާ ފައިސާގެ މިންވަރު ކޮންޓްރޯލް ކުރުމުގެ ގޮތުން އެ އޮތޯރިޓީގެ ބޯޑުން ދެ މުހިންމު ނިންމުމެއް ވަނީ ނިންމާފައެވެ. އެއީ ބޭންކުތަކުން އެމްއެމްއޭގައި ބަހައްޓަންޖެހޭ މިނިމަމް ރިޒަރވް ރިކުއަރމެންޓް (އެމްއާރްއާރް) މަތިކުރުމާއި، އޮޕަން މާކެޓް އޮޕަރޭޝަންސް (އޯއެމްއޯ) ފުޅާކުރުމެވެ. މި ބަދަލާއެކު، އަންނަ ސެޕްޓެމްބަރު މަހުން ފެށިގެން އެމްއާރްއާރްގެ މިންވަރު 10.5 އިންސައްތައިން 11.0 އިންސައްތައަށް އުފުލިގެންދާނެއެވެ.
މީގެ އިތުރުން، 2027 ވަނަ އަހަރުގެ ނިޔަލަށް ކޮންމެ ތިން މަހަކުން ބާޒާރުގެ ހާލަތު ރިވިއުކުރުމަށްފަހު، އެމްއާރްއާރްގެ ނިސްބަތް މަޑުމަޑުން އިތުރުކުރަމުން ގޮސް 2027 ޑިސެމްބަރުގެ ނިޔަލަށް 13 އިންސައްތައަށް މަތިކުރުމަށް ވަނީ އަމާޒު ހިފާފައެވެ. އަދި އޮޕަން މާކެޓް އޮޕަރޭޝަންސް 10 ބޭސިސް ޕޮއިންޓަށް އިތުރުކުރުމަށް ވެސް ވަނީ ނިންމާފައެވެ. 2025 ވަނަ އަހަރުގެ ޖުލައި މަހު އޯއެމްއޯ އަލުން ހިންގަން ފެށިފަހުން، 2026 ޖުލައިގެ ނިޔަލަށް ބޭންކިންގ ނިޒާމުން އެވްރެޖްކޮށް 2.7 ބިލިއަން ރުފިޔާ ނެގި، ކުރު މުއްދަތުގެ ލިކުއިޑިޓީ ވަނީ 6.5 ބިލިއަން ރުފިޔާއިން 3.7 ބިލިއަން ރުފިޔާއަށް ކުޑަކުރެވިފައެވެ.
މަރުކަޒީ ބޭންކުން މި ފިޔަވަޅުތައް އަޅަން ނިންމީ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އިންތިހާއަށް އުފުލެމުންދާތީއެވެ. ފާއިތުވި ދެ އަހަރަރާއި ބައިގެ ތެރޭގައި ޑޮލަރެއްގެ އަގު 17 ރުފިޔާއިން ފެށިގެން އިތުރުވަމުން ގޮސް، މިހާރު ވަނީ 21.60 ރުފިޔާއަށް އުފުލިފައެވެ.



