ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުނިތަކަށް ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރެވޭ ގޮތަށް ބިން ދޫކުރުމުގެ ގަވައިދަށް އިއްޔެ ވަނީ މުހިންމު ބަދަލުތަކެއް ގެނެސްފައެވެ.
މިދިޔަ އަހަރުގެ މާރިޗު 30 އިންނެށިގެން އަމަލުކުރަމުން އައި ގަވައިދުގައި ބިން ދޫކުރެވޭ ފަސް ހާލަތެއް ބަޔާންކޮށްފައިވީ ނަމަވެސް، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރއިން އާންމުކުރި އާ ގަވައިދާއެކު ސަރުކާރު ކުންފުނިތަކަށް ބިން ދޫކުރުމުގެ އިތުރު ހާލަތެއް ވަނީ ހިމަނާފައެވެ. މި ގަވައިދު ހިންގައި ތަންފީޒުކުރާނީ އިންފްރާންސްޓަކްޗަރު މިނިސްޓްރީން ކަމަށްވާއިރު، މިއީ ކައުންސިލްތަކާއި ވުޒާރާތަކުން ދިރިއުޅުން ނޫން އެހެން ބޭނުންތަކަށް ދޫކުރާ ނުވަތަ ހަވާލުކުރާ ބިންތަކުގެ މައްޗަށް ހިންގޭނެ ގަވައިދެކެވެ.
އަލަށް އަމަލުކުރަން ފެށި ގަވައިދުގެ ދަށުން ބިން ދޫކުރާނެ ކުއްޔާއި ވިއްކާނެ އަގު ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާ ނުވަ މެންބަރުންގެ "ލޭންޑް ވެލުއޭޝަން ކޮމިޓީ" އިންނެވެ. ބިމުގެ އަގު ކަނޑައެޅުމުގައި އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ބިމުގެ ތަނަވަސްކަމަށާއި، އާންމު އިގުތިޞާދީ ފުދުންތެރިކަމުގެ އިތުރުން ބިމަށް އޮތް ޑިމާންޑަށް ބަލަންޖެހެއެވެ. މީގެއިތުރުން، މި ގަވައިދަށް އަމަލުކުރަން ފެށުމުގެ ކުރިން ހަދާފައިވާ ރަޖިސްޓްރީތައް ބާތިލުނުވާނެ ކަމަށާއި، ބިމުގެ ދަފުތަރު އަދާހަމަކުރުމަށް ހަ މަސްދުވަހުގެ މުއްދަތެއް ދީފައިވާކަން ފާހަގަކުރެވެއެވެ.
މި ގަވައިދަށް ބަދަލު ގެނެސްފައިވާއިރު، ސަރުކާރުން ބޭނުންވާ މަޝްރޫއުތައް ހިންގުމަށްޓަކައި ކައުންސިލުތަކުގެ އިހްތިޞާސުގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގުމުގެ ބާރު ދިނުމަށް ގާނޫނަށް އިސްލާހު ހުށަހަޅާފައިވެއެވެ. އަދި ދާދިފަހުން ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުތަކާއެކު، ކައުންސިލްތަކުގެ ދައުރު ހަމަވާން ގާތްވުމުން މުވައްޒަފުން ނެގުމާއި، ބިމާއި ފަޅު ކުއްޔަށް ދިނުން ފަދަ ކަންކަން ފިނޭންސް މިނިސްޓްރީއާއި އެލްޖީއޭގެ އުސޫލުތަކުގެ ދަށުން ނޫނީ ނުކުރެވޭ ގޮތަށް ކައުންސިލްތަކުގެ ބައެއް ބާރުތައް ވަނީ ހަނިކޮށްފައެވެ.



