ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ދ. ކުޑަހުވަދޫގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ އާ ހޮސްޕިޓަލުގެ އަމަލީ މަސައްކަތްތަކަށް ބޭނުންވާ ފުރަތަމަ ޝިޕްމަންޓްގެ އަސާސީ ސާމާނާއި، ލޭބަރ އެކޮމޮޑޭޝަން ބްލޮކް އިމާރާތް ކުރުމަށް ބޭނުންވާ ތަކެތި އެރަށަށް ގެންގޮސް އަންލޯޑްކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ފަށައިފިއެވެ.
މި މަޝްރޫއަކީ ސަރުކާރުން އަތޮޅުތަކުގެ ސިއްހީ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންނަށް ފެންވަރު މަތީ ސިއްހީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ މަގުސަދުގައި އާރްޑީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.
ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން، ދ. ކުޑަހުވަދޫގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލުގެ މަސައްކަތަށް ބޭނުންވާ ފުރަތަމަ ޝިޕްމަންޓްގެ އަސާސީ ސާމާނާއި ލޭބަރ އެކޮމޮޑޭޝަން ބްލޮކް އިމާރާތް ކުރުމަށް ބޭނުންވާ ސާމާނު އެރަށަށް އަންލޯޑްކުރުމުގެ މަސައްކަތް ދަނީ… pic.twitter.com/3wYUIuomgh
— Road Development Corporation Ltd (@rdcmaldives) August 4, 2026
މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ 50 އެނދުގެ މި ހޮސްޕިޓަލުގައި ޒަމާނީ މެޑިކަލް ވަސީލަތްތަކާއެކު އޮޕަރޭޝަން ތިއޭޓަރާއި، އައިސީޔޫ، އެކްސްރޭ އަދި ސްކޭންގެ ޚިދުމަތްތަކުގެ އިތުރުން މެމޯގްރަފީ، އޯރތޯޕީޑިކް، ޑެންޓަލް، ލެބޯޓްރީ، އަދި އިމަޖެންސީ (އީއާރު) ޚިދުމަތްތައް ފުޅާދާއިރާއެއްގައި ލިބޭނެ ގޮތް ހަމަޖެހިގެންދާނެއެވެ.
ސައިޓުގެ ކުރީގެ ތައްޔާރީތަކާއި ލޭބަރ އެކޮމޮޑޭޝަން ގާއިމުކުރުމުގެ މަސައްކަތް ނިމުމާއެކު، ހޮސްޕިޓަލުގެ އަސާސީ އިމާރާތްކުރުމުގެ ބޮޑެތި މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްދާނެ ކަމަށް އާރްޑީސީން މައުލޫމާތުދެއެވެ.
މި އިމާރާތް ނިމި ޚިދުމަތް ދޭން ފެށުމުން ކުޑަހުވަދޫގެ އިތުރުން މުޅި ދާލު އަތޮޅުގެ ރައްޔިތުންނަށް ވެސް ރަށުގައި ތިބެގެން އެކަށީގެންވާ ސިއްހީ ޚިދުމަތް ހޯދުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.




