ދިރާގުގެ ބިޒްނަސް ސަޕޯޓް ސިސްޓަމްގެ މުހިންމު މެއިންޓެނަންސް މަސައްކަތެއް ކުރުމަށްޓަކައި، މިރެއިން ފެށިގެން އެ ކުންފުނީގެ ބައެއް ޚިދުމަތްތައް ވަގުތީގޮތުން މެދުކެނޑޭނެ ކަމަށް ދިރާގުން އިއުލާނުކޮށްފިއެވެ.
ދިރާގުން ހާމަކުރި ގޮތުގައި މި މަސައްކަތް ކުރިއަށްދާނީ މިރޭ އިރުއޮއްސި 06:00 އިން ފެށިގެން ހޮނިހިރު ދުވަހުގެ މެންދުރު 12:00 އާ ހަމައަށެވެ.
މި މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި ދިރާގު އެޕް، މައިއެކައުންޓް އަދި މަމެން އެޕް މެދުވެރިކޮށް ދޭ ރީލޯޑް، ރީޗާޖް، ބިލަށް ފައިސާ ދެއްކުން އަދި ޚިދުމަތްތައް އެކްޓިވޭޓްކުރުން ފަދަ ޚިދުމަތްތައް ވަގުތީގޮތުން މެދުކެނޑޭނެއެވެ. ނަމަވެސް، މާދަމާ މިރޭ 06:00 އިން މެންދަމު 12:00 އާ ހަމައަށް ދިރާގުގެ ޕާޓްނަރު ފިހާރަތައް މެދުވެރިކޮށް ރީލޯޑް އަދި ރީޗާޖްގެ ޚިދުމަތްތައް ލިބެން ހުންނާނެއެވެ.
މެއިންޓެނަންސް މަސައްކަތް ކުރިއަށްދިޔަ ނަމަވެސް، ކަސްޓަމަރުންނަށް ފޯނު ކޯލު، އެސްއެމްއެސް އަދި މޮބައިލް ޑޭޓާގެ ޚިދުމަތްތައް ކުރިއެކޭވެސް އެއްފަދައިން ލިބެމުންދާނެ ކަމަށް ދިރާގުން ބުނެއެވެ. އަދި ޚިދުމަތްތަކުގެ ފެންވަރު ދެމެހެއްޓުމަށް ކުރާ މަސައްކަތުގައި ކަސްޓަމަރުންގެ ފަރާތުންދޭ އެއްބާރުލުމާއި އިތުބާރަށް އެ ކުންފުނިން ވަނީ ޝުކުރު އަދާކޮށްފައެވެ.



