އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.2 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރާތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ މިހާތަނަށް ޖުމްލަ 1,229,419 ފަތުރުވެރިން އައިސްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 1,287,850 ފަތުރުވެރިންނާ އަޅާބަލާއިރު 4.5 އިންސައްތައިގެ ދަށްވުމެކެވެ. މީގެ އިތުރުން ހިނގަމުންދާ ޖުލައި މަހުގެ މިހާތަނަށް 159,537 ފަތުރުވެރިން ޒިޔާރާތްކޮށްފައިވާއިރު، އެއީ މިދިޔަ އަހަރުގެ ޖުލައި މަހުގެ މި މުއްދަތަށްވުރެ 1.3 އިންސައްތަ ދަށް އަދަދެކެވެ.
ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރަށްވުރެ ދަށްވި މައިގަނޑު ސަބަބަކީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ގިނަ އެއާލައިންތަކެއްގެ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލުމެވެ. ނަމަވެސް، އެ އެއާލައިންތަކުން އަލުން ދަތުރުތައް ފެށުމާއެކު މިހާރު ދުވާލަކު އެވްރެޖްކޮށް 5,911 ފަތުރުވެރިން ރާއްޖެއަށް އާދެއެވެ. ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ ފަސް ގައުމަކީ ޗައިނާ (210,109 ފަތުރުވެރިން)، ރަޝިއާ (175,814 ފަތުރުވެރިން)، އިނގިރޭސިވިލާތް (96,179 ފަތުރުވެރިން)، އިޓަލީވިލާތް (78,982 ފަތުރުވެރިން) އަދި ޖަރުމަނުވިލާތް (75,550 ފަތުރުވެރިން) ނެވެ.
ރާއްޖެއަށް އެތެރެވި ފަތުރުވެރިންގެ ތެރެއިން 1,213,842 މީހުން ވައިގެ މަގުން އައިސްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އެތެރެވީ ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓުން (1,199,442 ފަތުރުވެރިން) ނެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އެތެރެވީ ގަން އިންޓާނޭޝަނަލް އެއާޕޯޓުން (4,475 ފަތުރުވެރިން) ނެވެ. މިދިޔަ އަހަރު ރާއްޖެއަށް 2.2 މިލިއަން ފަތުރުވެރިން އައިސްފައިވާއިރު، ފަތުރުވެރިކަމާ ބެހޭ ވަޒީރު ވަނީ މިއަހަރުގެ ނިޔަލަށް އަންނާނެ ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރަށްވުރެ ދަށްނުވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.



